ސިނަމާލެ ބްރިޖު ކައިރިއަށް ރޭގެ ވަގުތެއްގައި އެރި ވެލާ އަޅާފައިވާ ބިސްތައް އެތަނުން ނަގައި ރާއްޖޭގައި ހިންގާ ފޯސީޒަން ކުޑަހުރާ ރިސޯޓަށް ގެންގޮސްފި އެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓާ ޖެނަރަލް އިބްރާހީމް ނައީމް ވިދާޅުވީ ވެލާ ބިސްތައް ނެގީ އެތަނުން އެ ބިސްތައް ނެގުން ނޫން އިތުރު ގޮތެއް ނެތުމުން ކަމަށެވެ.
ނައީމް ވިދާޅުވީ ވެލާ ބިސް އަޅާފައިވަނީ ރާޅު ޖަހާ ސަރަހައްދަކަށް ވާތީ ގުދުރަތީ ގޮތުން އެ ބިސްތައް ފީވުމުގެ ފުރުސަތު އެ ސަރަހައްދުގައި ވަރަށް ކުޑަ ކަމަށެވެ. އެހެންކަމުން ފޯސީޒަނަށް ބިސްތައް ގެންދިޔައީ ރައްކާތެރިކަމާ އެކު ބިސްތައް ފީކުރަން ކަމުގައި ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބެލިން އެ ސަރަހައްދުން ބިސްތައް ނުނަގަ ވާނެ އެއްވެސް ގޮތެއް އޮތްތޯ. އެކަމަކު އެކަން އެގޮތަށް ވާން ނެތީމާ ދުނިޔޭގައި އެހެން މީހުން ވެސް ކަންކުރާ ގޮތަށް ބިސް ފީކުރުމުގެ ތަޖުރިބާ ހުރި ބަޔަކާ ހަވާލުކުރީ. އަޅުގަނޑުމެން އެކަން ކުރާ ގޮތް ވެސް ބަލާނަން،" ނައީމް ވިދާޅުވި އެެވެ.
ފޯސީޒަން ކުޑަހުރާ އަކީ ވެލާ ބިސް ފީކުރާ ހާއްސަ ހެޗަރީ ހުންނަ ތަނެކެވެ. އެތަނުގައި އުފަންވާ ވެލާތައް ވަކި ވަރަކަށް ބޮޑު ކުރުމަށްފަހު މޫދަށް ދޫކުރުމަކީ ފޯސީޒަނުން ހިންގާ ޕްރޮގްރާމެކެވެ.
މާލެ އަށް ރޭ އިރުއޮއްސުނު ވަގުތު އެރި ވެލާ 90 އަށް ވުރެ ގިނަ ބިސް އަޅާފައިވާ ކަމަށް އެނގިފައިވެ އެވެ.
މީގެ ކުރީން ފެބްރުއަރީ 27 ގައިވެސް މާލެއަށް ވެލައެއް އެރި އެވެ. ނަމަވެސް އެ ދުވަހު ފުލުހުން ވަނީ އެ ވެލާ މޫދަށް ބާލައި ދޫކޮށްލާފަ އެވެ. އެކަމާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވި އެވެ. އެކަމަކު ރޭގެ ވަގުތެއްގައި ވެލާ އެރުމާ އެކު އީޕީއޭގެ އިރުޝާދުގެ ދަށުން އެ ވެލާ އަރައި ބިސް އަޅައިގެން ދަންދެން ފުލުހުން ވަނީ ވެލަ އަށް ހިމާޔަތް ދީފަ އެވެ.