ޗައިނާގެ ތާރީހާއި ސަގާފަތާ ގުޅޭ މައުލޫމާތު ހިމެނޭ ފޮތްތަކެއް ޗައިނާ-މޯލްޑިވިއަން ކަލްޗްރަލް އެސޯސިއޭޝަން (ސީއެމްސީއޭ) އަދި މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗްރަލް އޯގަނައިޒޭޝަން (އެމްސީޓީސީއޯ)އަށް ހަދިޔާ ކޮށްފި އެވެ.
ސީއެމްސީއޭގެ ފަރާތުން ފޮތްތަކާ ހަވާލުވެވަޑައިގަތީ އެ ޖަމިއްޔާގެ ނައިބް ރައީސް އަލީ ވަހީދު އެވެ. އެމްސީޓީސީއޯގެ ފަރާތުން ފޮތްތަކާ ހަވާލުވެވަޑައިގަތީ އެ ޖަމިއްޔާގެ ރައީސް މިދުއަމް ސައުދު އެވެ. ޗައިނާ އެމްބަސީން ރޭ އިންތިޒާމު ކުރި ރަސްމިއްޔާތެއްގައި ފޮތްތައް ހަދިޔާ ކުރެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާ ސފީރު ވަން ލީޝިން އެވެ.
މިރަސްމިއްޔާތުގައި ޗައިނާ ސަފީރު ވިދާޅުވީ ފޮތްތަކުގެ ސަބަބުން ޗައިނާގެ ތާރީހާއި ސަގާފަތް އަދި ވަކިން ހާއްސަކޮށް ޗައިނާ ކުރިއަރައިގެން އައި ގޮތް ދިވެހިންނަށް އެނގޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ސަފީރު ވަނީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި ގުޅުން ހަރުދަނާކުރުމަށް ސީއެމްސީއޭ އަދި އެމްސީޓީސީއޯ އިން ކުރާ މަސައްކަތް ޝުކުރުވެރިކަމާ އެކު ފާހަގަކުރައްވާފަ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރު ހަރުފަތްތަކަށް ގެންދިއުމަށް ސީއެމްސީއޭ އަދި އެމްސީޓީީއޯ އިން މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ސަފީރު އިތުރަށް ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ސިޔާސީ ގުޅުން ގާއިމުކުރިތާ މިއަހަރަށް 50 އަހަރު ފުރޭއިރު ދެ ގައުމުގެ ގުޅުންތަކުގެ ތެރެއިން އިތުރު ފުރުސަތުތައް ހުޅުވި، މުސްތަގްބަލަށް އެތައް ކަމެއް ޔަގީންކުރެވިގެންދާނެ ކަމަށެވެ. އަދި މިއަހަރުގެ ކުރީކޮޅު ރާއްޖެ ވަޑައިގެންނެވި ޗައިނާގެ ހާރިޖީ ވަޒީރު ވަންގް ޔީގެ ދަތުރުފުޅާ ގުޅިގެން ރާއްޖެއާއި ޗައިނާގެ ގުޅުމުގައި އިތުރު ބާބެއް ހުޅުވިގެން ގޮސްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އަލީ ވަހީދާއި މިދުއަމް ވިދާޅުވި ގޮތުގައި ޗައިނާ އެމްބަސީން ހަދިޔާކުރި ފޮތްތަކުގެ ސަބަބުން ޗައިނާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުމާއި ރަހްމަތްތެރިކަން އިތުރު މަސައްކަތްތަކަކާ އެކު ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ބޮޑަށް ބަދަހިކުރެވިގެންދާނެ އެވެ. އަދި ދެ ގައުމުގެ ރައްޔިތުން އެއް ގައުމުން އަނެއް ގައުމަށް ގެންގޮސްގެން ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތުގެ މައުލޫމާތު ވަނީ ސަފީރާ ހިއްސާކުރައްވާ އެވެ. މީގެއިތުރުން ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ މިއަހަރަށް 50 އަހަރުވެފައިވާތީ އަލީ ވަހީދާއި މިދުއަމް ވަނީ އެ ގުޅުމަށް މަރުހަބާ ވެސް ދަންނަވާފަ އެވެ.
ޗައިނާ އެމްބަސީން ބުނީ ސީއެމްސީއޭ އަދި އެމްސީޓީސީއޯ އުފެއްދި ފަހުން ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމަށާއި ގުޅުން ހަރުދަނާކުރުމަށް އެ ދެ ޖަމިއްޔާގެ ވަރަށް ބޮޑު ބައިވެރިވުމެއް އެބައޮތް ކަމަށެވެ.