ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ޗައިނާގެ ޑޮކްޓަރުންގެ ޓީމުން 60 އެއްހާ ސާޖަރީ ހަދައިފި

ރާއްޖޭގައި ހަރަކާތްތެރިވާ ލޮލުގެ ބަލިތަކަށް ހާއްސަ ޗައިނާގެ ޑޮކްޓަރުންގެ ޓީމުން ތިން ދުވަހުގެ ތެރޭގައި 60 އަށް ވުރެ ގިނަ ލޮލުގެ ސާޖަރީ ހަދައިފި އެވެ.

ޗައިނާ ސަރުކާރުން ރާއްޖެއަށް ފޮނުވި ޑޮކްޓަރުންގެ ޓީމުން ހުޅުމާލެ ހޮސްޕިޓަލްގައި އައި ކޭމްޕް ފެށީ މިމަހުގެ ފަސްވަނަ ދުވަހު އެވެ.

އައި ކޭމްޕްގައި ސާޖަރީތަކެއް ހެދުމުގެ އިތުރުން ލޮލުގެ އެކި ބަލިތަކަށް ފަރުވާ ދިނުމާއި ފުސް ކަހާ ދިނުމުގެ ހިދުމަތްވެސް ދީފައިވެ އެވެ.

ޗައިނާ އިން ގެންދަނީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ރާއްޖޭގައި އައި ކޭމްޕެއް ހިންގަމުންނެވެ. މި ކޭމްޕްގައި މިހާތަނަށް 5،000 އަށް ވުރެ ގިނަ މީހުންނަށް ފަރުވާދީ 600 އަށް ވުރެ ގިނަ މީހުންގެ ލޮލުގެ ސާޖަރީ ހަދާފައިވެ އެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާން ލިޖިން ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން ދިވެހިންނަށް ފައިދާތަކެއް ލިބޭތީ އުފާކުރައްވާ ކަމަށެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލެ ހޮސްޕިޓަލްގައި ވަނީ ލޮލުގެ ބަލިތަކަށް ހާއްސަ ކްލިނިކެއްވެސް 2020 ވަނަ އަހަރު ހުޅުވާފަ އެވެ.