ޕީޕީއެމް

އިންޑިއާ އައުޓް ހަރަކާތަށް ނައިފަރު ތައްޔާރުވަނީ

Mar 16, 2022
1

އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ޅ. ނައިފަރުގައި ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތް ދެން އެންމެ އަވަހަށް އޮންނާނީ އޭނާގެ އުފަން ރަށް -- ނައިފަރުގައި އަންނަ ހޮނިހިރު ދުވަހު ކަމަށެވެ. ރައީސް ޔާމީން އެ ދުވަހު ނައިފަރަށް ވަޑައިގެން އިންޑިއާ އައުޓް ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އިދިކޮޅު ޓީމުން މިހާރު ވަނީ ނައިފަރުގައި ހަރަކާތްތެރިވާ އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާ ސަޕޯޓަރުންނާ ބައްދަލުކޮށް އިންޑިއާ އައުޓް ހަރަކާތުގެ މައުލޫމާތާއި ނައިފަރުގައި އެ ހަރަކާތް ކުރިއަށް ގެންދިއުމަށްޓަކައި ތައްޔާރުވުމަށް ކުރަންޖެހޭ ކަންކަމުގައި މަޝްވަރާކޮށްފަ އެވެ.

ރައީސް ޔާމީން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޖަލުން މިނިވަންވި ފަހުން އިންޑިއާ އައުޓް ހަރަކާތްތައް އަތޮޅު ތެރެއަށް ފުޅާކުރައްވައި، އެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ސީދާ އެމަނިކުފާނު ގެންދަވަނީ ރަށްތަކަށް ދަތުރުކުރައްވަމުންނެވެ.

މާލެ އަތޮޅުގެ ރަށްތަކުން ރައީސް ޔާމީން ފެއްޓެވި އިންޑިއާ އައުޓް ހަރަކާތް މިހާރު ވަނީ އެމަނިކުފާނާ އެކު ށ. އަތޮޅާއި، ރ. އަތޮޅާއި، އދ. އަތޮޅާއި، ފ. އަތޮޅުގެ އިތުރުން ގއ. އަތޮޅުގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ. ރައީސް ޔާމީން ބައިވެރިވެވަޑައިގެން އެންމެ ފަހުން އިންޑިއާ އައުޓް ހަރަކާތް ކުރިއަށް ގެންދިޔައީ އދ. މަހިބަދޫގަ އެވެ.

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ސަރުކާރާއި މަޖިލީހުން ފިޔަވަޅުތަކެއް އަޅަން ތައްޔާރުވަމުން ދިޔަ ނަމަވެސް އިދިކޮޅުން ބުނެފައިވަނީ އެ ހަރަކާތް ހުއްޓާނުލާނެ ކަމަށެވެ. އަދި އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން މަޖިލީހަށް ބިލެއް ހުށަހަޅާ ފާސްކުރި ނަމަވެސް އެފަދަ ގާނޫނަކަށް އަމަލުނުކުރައްވާނެ ކަމަށް އިދިކޮޅު ކޮލިޝަންގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.