ޑާކްރެއިން އެންޓާޓެއިމަންޓްގެ އައު ފިލްމް "ހިނދުކޮޅެއް" ގެ މޯޝަން ޕޯސްޓަރު މިއަދު ނެރެފި އެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފިލްމު ސްޓޫޑިއޯ ކަމަށްވާ ޑާކްރެއިންގެ "ހިނދުކޮޅެއް" ގެ މޯޝަން ޕޯސްޓަރުން ފެންނަނީ ފިލްމުގެ ލީޑް ދެ ތަރިން ވާރޭގެ ތެރޭގައި ހިނގާފައި ދަނިކޮށެވެ. ފިލްމުގެ ލީޑްތަރިންނަކީ މި ފަހުން ބައެއް ފިލްމުތަކުން ފެނިގެންދިޔަ ޝަރަފް އަބްދުﷲ އާއި އައިމިނަތު ރަޝްފާ (އާޝާ) އެވެ.
މޯޝަން ޕޯސްޓަރުގައި މި ދެ ތަރިން ހިނގާލާފައި އަންނަ މަންޒަރު ފެންނައިރު ވެހެމުންދާ ބޯ ވާރެއިން އާޝާ އަށް ހިމާޔަތެއް ދޭން ޝަރަފް ހުންނަނީ ކުޑައެއް ނަގައިގެންނެވެ. މޯޝަން ޕޯސްޓަރު އިތުރަށް ހިތްގައިމު ކޮށް ދެނީ އިވެމުންދާ ލަވައިންނެވެ.
ލެޖެންޑް އަލީ ރަމީޒުގެ "ލޮލަކަށް ނިންޖެއް ނާދޭ" މި ލަވައަށް ހިތްގައިމު ބަދަލުތަކެއް ގެނެސް ކުޅަދާނަ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ އަޑުން ވަނީ އިވެއެވެ.
ޑާކްރެއިންގެ ފައުންޑާ މުހައްމަދު އަލީ (މޮގާ) ބުނީ "ހިނދުކޮޅެއް" ގެ ޝޫޓިން ބާރަށް ކުރިއަށް ގެންގޮސް މިހާރު 80 ޕަސެންޓް ޝޫޓްކޮށް ނިމިފައިވާ ކަަމަށެވެ. އަދި މަސައްކަތް ކުރަމުން ދަނީ ރޯދައިެގެ ކުރީން ފިލްމުގެ ހުރިހާ މަންޒަރެއް ނަގާ ނިންމާލުމަށް ކަމަށެވެ.