އިމްތިޔާޒު ފަހުމީ

އިންތިހާބަށް ސަރުކާރުގެ ނުފޫޒު އެބައޮތް: އިންތި

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބަށް ސަރުކާރުގެ ނުފޫޒު އެބަ އޮތްް ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން އެ މަގާމަށް ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ފާޅު ކުރައްވައިފި އެވެ.

އެކަންބޮޑުވުންތައް އޭނާ ފާޅު ކުރެއްވީ އިންތިގެ ވައުދުތައް ހާމަ ކުރުމަށް މިރޭ ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އިންތި ވިދާޅުވީ މިއީ ޕާޓީގެ މެންބަރުން އެކަތިގަނޑެއްގެ ގޮތުގައި ފޯރީގައި ކެމްޕެއިން ކުރަންވީ ވަގުތު ކަމަށާ ނަމަވެސް ފެންނަނީ އެ މަންޒަރު ނޫން ކަމަށެވެ. އިންތިހާބަށް ސަރުކާރުގެ ތެރެއިން ނުފޫޒު ފޯރުވާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. އިންތި ވިދާޅުވީ "މުހުތާދެ"އްގައި ސަރުކާރަށް ސިޓީއެއް ފޮނުވާފައިވާ އެމްޑީޕީގެ މެންބަރަކު ނުވަތަ އެސްއެމްއީ ލޯނަށް ނޫނީ ކޯޓާއެއް ހޯދަން ހުށައަޅާފައި އޮތް މެންބަރަކު ނަމަ ފާޅުގައި ކެމްޕެއިން ކޮށްލުމުގެ ހައްގު ނެތް ކަމަށެވެ.

އެކަމެއް ސަރުކާރުގެ ތެރެއިން ވަންދެން ތާއީދު ކުރާ ހަގީގީ ކެންޑިޑޭޓަށް ފާޅުގައި ކެމްޕެއިން ކުރަން ޖެހިލުންވާ މިންވަރަށް ކަންކަން ގެންގޮސްފައިވާ ކަމަށެވެ. އެމްޑީޕީގެ މެންބަރުން "ޟަމީރުގެ ގައިދީން" ނަށް ހަދަމުންދާ ކަމަށް ވިދާޅުވެ ނުފޫޒު ފޯރުވުން ހުއްޓާލެއްވުމަށް އިންތި ގޮވާލެއްވިއެވެ.

"ބައެއް ބައެއް ވަޒީރުން އަދި ބައެއް ސަރުކާރުގެ ކުންފުނިތަކުން މި އިންތިހާބާ ގުޅިގެން އެތަންތަނުގެ ބައެއް ވެރީން އެބަ ހެސްކިޔާފަ ކެމްޕެއިން ކުރޭ. ހެސްކިޔާފައި ކެމްޕެއިން ކުރައްވަމުން އެ ބޭފުޅުންގެ ކެންޑިޑޭޓަށް ކެމްޕެއިން ކުރަމުން ދަށުގައި ތިބޭ ބޭފުޅުންނަށް އެބަ މަނާ އެެބަ ކުރޭ. ފޭސްބުކްގައި ޕޯސްޓެއް ކުރުން މަނާ އެބަ ކުރޭ. ޕޯސްޓެއް ކުރާނަމަ އިންޒާރު ދެވޭ ގޮތް އެބަވޭ. ބައެއް ފަހަރު މަގާމުތަކުން ސަސްޕެންޑް ކުރާ ހާލަތަށް ގެންދޭ. މިއީކީއެއް ނޫން އަޅުގަނޑުމެން މި ޕާޓީ ބިނާކުރަން ބޭނުންވި އުސޫލަކީ ހަމައަކީ. އެހެންނަމަވެސް މިއަދު މި ހަގީގަތް އޮތްކަން އެބަ ހާމަވޭ،" އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ސަރުކާރު އޮވެ މަޖިލީހުގެ ސުޕަމެޖޯރިޓީ އެމްޑީޕީއަށް އޮތަސް ކަންކަން ހިނގަނީ ހިތްހަމަޖެހޭ ގޮތަށް ނޫން ކަމަށެވެ. ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީން މިހާރުވެސް ތިއްބެވީ ވަކި ކެންޑިޑޭޓަކާއެކު ކެންޕެއިނަށް ނިކުމެ ކަމަށާ އެ ކެންޑިޑޭޓަށް ތާއީދު ނުކުރާ ކުންފުނިތަކުގެ މުވައްޒިފުންނަށް އިންޒާރުދީ ސަސްޕެންޑް ކުރަމުންދާ ކަމަށެވެ.

ގަބޫލު ކުރަން ބޭނުން ނުވި ނަމަވެސް އެމްޑީޕީގެ ހާލަތު އެ ދަރަޖައަށް ބަޔަކު ގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ޕާޓީގެ ހާލަތު އެ ދަރަޖައަށް ވައްޓާލައިގެން ކުރިއަށްދާން ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅވިއެވެ.

"އެމްޑީޕީގެ ހަގީގީ ރޫހު ދަމަހައްޓާ މި އިތުބާރު މި ޕާޓީއާ ދޭތެރޭ އެ އިތުބާރު ދެމެހެއްޓުމަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތަކީ އަޅުގަނޑު ދެކޭ ގޮތުގައި މިހާރު ލިބިފައި މި އޮތް ފުރުސަތު. އަޅުގަނޑުމެން އެމްޑީޕީގެ ސަރުކާރެއް މި އޮތީ. އަދި އަޅުގަނޑުމެން އެމްޑީޕީގެ ސުޕަމެޖޯރިޓީއެއް މިވަނީ ލިބިފައި. އެހެން ނަމަވެސް ހިތާމައާއެކުގައި ދަންނަވަން ޖެހެނީ މިއަދު އެކަން އޮތީކީއެއް އަޅުގަނޑުމެން ހިތް އެދޭ ގޮތަކަށް ނޫން. ލޮލުން ކަރުނަ އަންނަ ހާލަތުގައި ބައެއް ފަހަރު އެ ހާލަތު އެބަދޭ. ވަރަށް ދެރަވާ ހިސާބަަކަށް އެބަދޭ. އަޅުގަނޑުމެން ނުހަނު ލޯބިވާ އަޅުގަނޑުމެން ހިތުގެ ފުންމިނުން ލޯބިވާ މި ޕާޓީ ބިނާވެގެންވާ އަސާސްތައް، އުސޫލުތައް އަދި ފަލްސަފާތައް އަޅުގަނޑުމެން އެންމެ އެދޭ ގޮތަކަށް ނޫން ގޮތަށް ވަރަށް ދުރަށް ދާތަން އެބަފެނޭ،" އިންތި ވިދާޅުވިއެވެ.