ސްރީލަންކާ އިން ރާއްޖެ އައި އިނގިރޭސިވިލާތުގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން ބުނީ މި މަހުގެ ހަވަނަ ދުވަހު ރާއްޖެ އައި އިނގިރޭސިވިލާތުގެ މީހާކާ މެދު ޝައްކުކުރެވިގެން އޭނާގެ ލަގެޖް ކަސްޓަމްސް އިން އިތުރަށް ބަލައި ފާސްކުރިއިރު، އެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނުނު ކަމަށެވެ.
އެ ތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނެބިސްއަށް ޕޮޒިޓިވްވި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 30.9 ގްރާމްގެ ކެނަބިސް އޮށާއި 40.3 ގްރާމްގެ ކެނަބިސް ހާބަލް އޮށެވެ. އަދި އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 7.12 ގްރާމް ހިމެނޭ ކަމަށެވެ.
އެތަކެތި އެތެރެ ކުރި މީހާއާއި މަސްތުވާތަކެތި، ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
މި ފަހުން އައިސް މަސްތުވާތަކެތި އަތުލައިގަންނަ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު މިމަހުގެ އެއްވަނަ ދުވަހު ޕޯސްޓުން އެތެރެކުރަން އުޅުނު 3.5 ކިލޯގެ މަސްތުވާތަކެތި ވެސް އަތުލައިގެންފައިވެ އެވެ. އަދި ހަމަ މިމަހު ކަނޑުމަތިން 12 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ.
މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތައް ހަރުދަނާކޮށް އިތުރަށް ފުޅާކުރުމުގެ ގޮތުން ކަސްޓަމްސް އިން ވަނީ މިދިޔަ ޖެނުއަރީ މަހު ސްޕެޝަލް އޮޕަރޭޝަންސްގެ ޓެކްޓިކަލް ޓީމެއް ތައާރަފްކޮށް މާލެއާ ރީޖަނަލް ކަސްޓަމްސްތަކުގައި ހަރަކާތްތެރިވާން ފަށާފަ އެވެ.