ބާރަ ކިލޯގެ ޑްރަގާ ގުޅުން ހުރި މައްސަލާގައި ހައްޔަރުކޮށްފައިވާ އިންޑިއާ މީހާއަކީ ގިނަ ކުށްތަކެއްގެ ރެކޯޑް އޮތް މީހެއް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ. ފުލުހުން މިއަދު ވަނީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ ވަނަވަރު އާންމުކޮށްފައެވެ.
އެއީ ނ. ވެލިދޫ / މަރިޔާޒް، މުހައްމަދު އަބްދުއްލަތީފް (30އ) އާއި އިންޑިއާގެ ރައްޔިތެއް ކަމުގައިވާ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީ (37އ) ގެ އިތުރުން ބަނގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ކަވްސަރު އަލަމް (30އ) އެވެ.
މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން މިކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވިކަމަށް ބެލެވޭ މީހަކީ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީ އެވެ. އޭނާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ މީހެކެވެ. އަދި އޭނާއަކީ މީގެކުރިންވެސް މަސްތުވާތަކެއްޗާއި ބަނގުރާގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާއާއެކު ހައްޔަރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލާފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަ މިހާރު ވަނީ ކޯޓުގައެވެ.
މީގެ އިތުރުން، އޭނާއަކީ މަސްތުވާތަކެއްޗާއި މާރާމާރީގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.
ބާރަކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ ކަނޑުމަގުން ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ޑިޕާޓްމަންޓާއި ޑްރަގް އެންފޯސްމަންޓު އަދި މެރިން ޕޮލިސް ގުޅިގެން މި މަހު 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. ކަނޑުމަތީގަ އާއި މާލެ އާއި ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ހިންގި އެ އޮޕަރޭޝަނުގައި 12.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތެވެ.