ލީގަލް ކައުންސިލް ޓު ދަ ޕްރެޒިޑެންޓްގެ މަގާމުގައި ހުންނެވި އަހްމަދު އަބްދުﷲ އަފީފް އެ މަގާމުން ވަކިކުރައްވައިފި އެވެ. އަހުމަދު މަގާމުން ވަކިކުރައްވާ އޭނާއަށް މިއަދު އެކަން ވަނީ އަންގާފައެވެ.
އަހުމަދު އަބްދުﷲ އަފީފް މަގާމުން ވަކިކުރައްވާފައިވަނީ އޭނާއާ ގުޅޭ ސީރިއަސް މައްސަލަތަކެއް ފެންމަތިވެ މަގާމުގެ މަސްއޫލިއްޔަތުން ދުރުކުރައްވާފައި ހުންނަތާ އެތައް މަހެއް ފަހުންނެވެ.
އަހުމަދުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭގޮތުން ރައީސް އޮފީހުން ރަސްމީކޮށް އެއްޗެއް ނުބުނެއެވެ. އަދި އޭނާ މަގާމުން ވަކިކުރުމާއި ގުޅޭގޮތުންވެސް ވަކި އެއްޗެއް ނުބުންޏެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ބޭފުޅަކު މިރޭ އަވަސްއަށް ވިދާޅުވީ އަހުމަދު އަބްދުﷲ އަފީފުގެ މައްސަލާގައި ރައީސް ސޯލިހް މިއަދު ގޮތް ނިންމަވާ އޭނާ މަގާމުން ވަކިކުރައްވާ ޗީފް އޮފް ސްޓާފް މެދުވެރިކޮށް އެކަން އޭނާއަށް އަންގާފައިވާ ކަމަށެވެ. އަދި އޭނާ މަގާމުން ވަކިކޮށްފައިވަނީ އޭނާއާ ގުޅޭ މައްސަލަތައް ބަލަމުން ދަނިކޮށް އެކަމާއި ގުޅޭ އިތުރު މައްސަލަތަކެއް ފެންމަތިވުމާއި ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ނަންތައް އެ އޮފީހުގެ ވެބްސައިޓުން ފެންނަން ހުރިިއިރު އަފީފުގެ ނަން މިހާރު ވަނީ އެ ލިސްޓުން އުނިވެސް ކޮށްފައެވެ.