ދުނިޔެ

އަމިއްލަ މަރުވާާން އުޅުނު މީހަކު ރައީސް އުރުދުގާން ހުއްޓުވައިފި

ތުރުކީގެ އިސްތަންބޫލުގެ ބުރިޖެއް މަތިން ފުއްމާލައި، އަމިއްލަ މަރުވާން މަސައްކަތްކުރި ފިރިހެނެއް، އެގައުމުގެ ރައީސް ތައްޔިބު އުރުދުގާން ހުއްޓުވައިފި އެވެ.

އިއްޔެ ހިނގި މި ހާދިސާގެ ވީޑިއޯއެއް ވެސް ވަނީ އާންމުވެފަ އެވެ. މި ހާދިސާ ހިނގާފައިވަނީ ރައީސް އުރުދުގާން ހުކުރު ނަމާދަށްފަހު ގެކޮޅަށް ވަޑައިގެންނަވަނިކޮށެވެ. އެމަނިކުފާނުގެ މޮޓޯކޭޑްގައި އިންނަވަނިކޮށް އަމިއްލައަށް މަރުވާން އުޅޭ މީހާ ފެނުމުން އެމީހާ ހުއްޓުވުމަށް ވަނީ އަންގާފަ އެވެ.

އުރުދުގާންގެ އެންގެވުމަށް އެމަނިކުފާނުގެ އޮފިޝަލުން ވަނީ މަރުވާން މަސައްކަތްކުރަމުން ދިޔަ މީހާ ކައިރިއަށް ގޮސް، ރައީސް ވާހަކަ ދެއްކެވުމަށް ބޭނުންވާ ކަމަށް ބުނެ، އެމީހާ ފުއްމާލަން ކުރަމުންދިޔަ މަސައްކަތް ހުއްޓުވާފަ އެވެ.

ކާރުކޮޅުގައި އިންނަވާ އުރުދުގާން އެމީހާ ފޯނުން ވާހަކަ ދައްކަވާފައިވާއިރު އެމީހާ ވަނީ ރައީސްއާ ސަލާމްކޮށް، އޭނާ ސަލާމަތްކޮށް ހެޔޮ ވިސްނުންދެއްވީތީ ޝުކުރު އަދާކޮށްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން އެމީހާ އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައިވަނީ، އާއިލީ މައްސަލަތަކެއްގެ ސަބަބުން ޑިޕްރެޝަނަށް ގޮސްގެންނެވެ. އަދި އުރުދުގާން ވަނީ އެމީހާއަށް އެހީތެރިވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް ވެސް އެމަނިކުފާނުގެ އޮފިޝަލަކު އެސޯސިއޭޓެޑް ޕްރެސް ނިއުސް އެޖެންސީއަށް ބުނެފައިވެއެވެ.

އެމީހާ ފުއްމާލަން މަސައްކަތްކޮށްފައިވަނީ ބޮސްފޯރަސް ބްރިޖް މަތިންނެވެ. މި ބްރިޗަކީ އޭޝިއާ އަދި ވިލާތު ގުޅުވައިދޭ ބްރިޖެކެވެ.