ހަބަރު

ލާމް ލިންކްގެ އެއްފަޅީގައި ތާރު އަޅައި ނިންމާލައިފި

ލ. ފޮނަދުއާ ގަމާ ގުޅުވައިދޭ 15 ކިލޯމީޓަރުގެ ދިގު މަގުގެ އެއްފަޅީގައި އެއްކޮށް ތާރުއަޅައި ނިންމާލައިފި އެވެ. އަތޮޅުގެ ވެރިރަށް ފޮނަދޫ އާއި އެއާޕޯޓް ހިމެނޭ ކައްދޫ އާއި ސިނާއީ ރަށް، މާންދޫ އާއި ރާއްޖޭގެ އެންމެ ބޮޑު ރަށް ގަމާއި ގުޅިފައިވާ 15.1 ކިލޯ މީޓަރުގެ ދިގު މަގުގައި ތާރު އަޅަން ފެށީ މަގުގެ ވެލިގަނޑު އެއްވަރުކޮށް ކޮމްޕެކްޓް ކުރުމަށްފަހު ދެ ފަރާތު ޕޭމަންޓްގެ މަސައްކަތް ވެސް ނިންމާފަ އެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގަ ޒަމާނީ ފެންވަރަށް ހަދާ އެ މަގުގައި ތާރަ އަޅަން ހައުސިން މިނިސްޓްރީން މަސައްކަތް ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

ލ. ގަމު ކައުންސިލްގެ ނައިބު ރައީސް، އަބްދުﷲ ނާފިޒް ވިދާޅުވީ، ތާރަ އެޅުމުގެ މަސައްކަތް ފަށައިގެން މިވީ ދެ މަސްދުވަހުގެ ތެރޭގައި މަގުގެ ބޮޑު ބައެއް ނިންމާލެވިފައިވާ ކަމަށެވެ. އެގޮތުން ފުނަދޫ އިން ފެށިގެން ގަމާ ހަމަޔަށް ދިގުދެމިގެންދާ އެ މަގުގެ މުޅި އެއްފަޅީގައި ތާރަ އަޅައި އެފަޅީގައި ކާނު ޖަހައި ނިންމާލާފައިވާ ކަމަށް ވެސް ނާފިޒް ވިދާޅުވި އެވެ.

"ތާރަ އެޅުމަކީ އެއް ފަށަލައެއް އަޅައިގެން ނިންމައިލެވޭނެ ކަމެއް ނޫން. އެހެންވީމަ ދެ މަސްދުވަހުގެ ތެރޭގައި މަގުގެ އެއް ފަޅީގަ އެއްކޮށް ތާރައިގެ ފައިނަލް ކޯޑް އަޅައި ނިންމައި ކާނު ވެސް އެއްކޮށް ހަދައި ނިމުމަކީ ވަރަށް ބޮޑު ކުރިއެރުމެއް. އަނެއް ފަޅީގެ މަސައްކަތްވެސް މިހާރު މިވަނީ ފަށާފަ. މަގަކީ މިހާރުވެސް ބޭނުންކުރާ މަގަކަށް ވާތީ، ތާރަ އަޅައި ނިމުނު ފަޅީގަ އަދިވެސް ކުރަންހުރި ބައެއްކަހަލަ ކުދި މަސައްކަތައް ނިމުމުން އެފަޅި ހުޅުވާލާފަ އަނެއް ފަޅި ބަންދުކުރަން ނިންމާފައި މި ވަނީ،" ނާފިޒް ވިދާޅުވި އެވެ.

ލ. އަތޮޅުގައި ހަދާ ލިންކް ރޯޑަކީ 16.5 މީޓަރު ފުޅާ މަގެކެވެ. އެ މަގު ހަދާފައިވަނީ މަގުގައި ދެކޮޅަށްދުއްވާ ބައިގެ މެދުން ބެރިއާސްލައި މެދުގައި ލައިޓާއި ގަސް ޖަހައިގެންނެވެ.

ނާފިޒް ވިދާޅުވީ، މަގުގެ މަސައްކަތް މިހާރު ކުރިއަށްދާ ސްޕީޑުގައި ކުރިއަށް ދާނަމަ އަންނަ އަހަރުގެ ޖޫން މަހާއި ހަމަޔަށް މަގާއި ގުޅުންހުރި ހުރިހާ މަސައްކަތެއް އެކޮށް ނިންމާލެވޭނެ ކަމަށެވެ. އެއީ އެ މަސައްކަތް ނިންމަން ސޮއިކުރި މުއްދަތަށްވުރެ ކުރު މުއްދަތެކެވެ.

ޗައިނާގެ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި 171.7 މިލިޔަން ރުފިޔާގެ މަގުގެ މަސައްކަތް ފެށީ ޑިސެމްބަރު 15، 2014 އިގައެވެ. މަސައްކަތް ނިންމަން ކަނޑައެޅީ 24 މަހުގެ މުއްދަތެކެވެ. އެ މަގު ޑިޒައިންކޮށްފައި ވަނީ މާލެ އާއި ހުޅުލެއާ ގުޅުވައިދޭ ބްރިޖްގެ މަސައްކަތް ވެސް ޑިޒައިން ކުރި ސީސީސީ ހައިވޭ އިންނެވެ.