ގދ. ތިނަދޫ

ތިނަދޫ މީހުން ކިޔައިދިނީ ނާސިރުގެ އަނިޔާވެރިކަން

Mar 19, 2022
8

ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ގދ. ތިނަދޫން މީހުން ބޭލި މައްސަލަ ތަހުގީގުކުރުމަށް އެރަށު މީހުންގެ ބަޔާން ނެގުމުގެ އަޑުއެހުންތައް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ފަށައިފި އެވެ.

ތިނަދޫގައި ހުންނަ ގައުމީ ޔުނިވަސިޓީގެ ކެމްޕަހުގައި މިއަދު ފެށި އަޑުއެހުންތަކުގެ ރިޔާސަތު ބަލަހައްޓަވަނީ ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް އެވެ.

އަޑުއެހުންތަކުގެ މިއަދު ހެނދުނުގެ ދަންފަޅީގައި ފުރަތަމަ ބަޔާން ދިނީ މީގެ 60 އަހަރު ކުރިން ފެބުރުއަރީ 2، 1962 ގައި ތިނަދޫ މީހުން ބޭލިއިރު އުމުރުން އެންމެ ތިން އަހަރުގެ އާދަމް ހުސައިން އެވެ.

ތިނަދޫ އަށް އުފަން އާދަމް ބުނީ ނާސިރު ފޮނުވި ސިފައިން އެ ރަށަށް އަރާ މީހުން ބޭލުމަށް ހިންގީ ލާއިންސާނީ އަމަލުތަކެއް ކަމަށެވެ. ސިފައިން ހިންގި އަމަލުތަކާ ގުޅިގެން އޭނާއާ އެއްބަނޑު އެއްބަފާ ތިން ބެއިން މަރުވެ އޭނާގެ މަންމަ އަށް ސަލާމަތް ކުރެވުނީ އޭނާ އެކަނި ކަމަށް އާދަމް ބުންޏެވެ.

އޭނާ ބުނީ ދިވެހި ސިފައިން ތިނަދޫގެ ގޭގެއަށް ވަދެ ގެތަކުގައި ހުރި ސަމާނުތައް ގެންގޮސް، ވަރަށް ގިނަ ގެތަކުގައި ހުޅުޖަހާ އަންދާލި ކަމަށެވެ. އޭނާގެ މައިންބަފައިންގެ ގެވެސް އަންދާލި ކަމަށް ފާހަގަކޮށް އާދަމް ބުނީ ސިފައިން ހިންގީ ތިނަދޫގެ ނަސްލު ވެސް އޮޅޭވަރުގެ އަމަލުތަކެއް ކަމަށެވެ. އެހުރިހާ ކަމެއް ވެގެންދިޔައިރު ތިނަދޫގެ ކައިރީގައިވާ ބައެއް ރަށްތަކުގެ ކަތީބު ފެންވަރުގެ ބޭފުޅުން ވެސް ތިނަދޫ ރައްޔިތުންނާ މެދު އަމަލުުކުރީ އިހާނެތިކޮށް ކަމަށް ބުންޏެވެ.

އާދަމް ބުނީ މަޖުބޫރު ހާލުގައި ތިނަދޫން ފައިބައިގެން އޭނާގެ މަންމަ އެންމެ ފުރަތަމަ ދިޔައީ ކާޑެއްދޫ އަށް ދިޔައީ މޫސުން ވަރަށް ގޯސް ރޭގަނޑެއްގެ ވަގުތުގައި ކަމަށެވެ. އޭގެފަހުން މަޑަވެއްޔަށް ގޮސް ދިރިއުޅުނީ ވަރަށް ހާލުގައި ކަމަށް ފާހަގަކޮށް އާދަމް ބުނީ ތިނަދޫން ބޭލުމާ އެކު ދިރިއުޅުން ގެއްލިގެން ދިޔަ ކަމަށެވެ. އާއިލާ މީހުން ތިއްބަސް ހާލަތު ނިޔާކުރީ އެކަކު އަނެކަކަށް އެހީތެރިވެވޭ ގޮތަށް ނޫން ކަމަށެވެ. އަދި މަޑަވެލީގައި ސަލާން ޖަހައިގެން ކެއިންބުއިމުގެ ކަންކަން ހަމަޖައްސަމުން ދަނިކޮށް ދައްތަ މަރުވީ މީދާ ވިހަވެގެން ކަމަށްވެސް ބުންޏެވެ.

"ހަމަ ސީދާ އަޅުގަނޑުމެން ކަނޑަށް އަޅާލީ. އެތައް ބަޔަކު އެކަމުގައި ނިޔާވި. ކަނޑުގައި ފަތަފަތާ އަޅުގަނޑުގެ މަންމަ ވެސް ކޮތީ ކުޑަކުޑަ ތާހަކަށް އަޅުގަނޑު ލައިގެން. ބަޔަކު ކަނދުފައްޗެއްގައި އައިސް ނަގައި ސަލާމަތްކުރީ،" ކޮންމެވެސް ވަރަކަށް ރޮމުން އާދަމް ބުންޏެވެ.

އޭނާ ބުނީ ތިނަދޫ މީހުންނަށް ލިބުނު އަނިޔާއާ ގެއްލުމަށް ދިވެހި ދައުލަތަށް ދެވޭނެ ބަދަލެއް ނޯންނާނެ ކަމަށެވެ. އެ ހާދިސާއަށްފަހު އެތައް ބަޔަކު ބޮޑުވެގެން އައީ ނަފްސާނީ އެތައް މައްސަލަތަކެއްގެ ތެރެއިން ކަމަށް އާދަމް ބުންޏެވެ. ތިނަދޫން މީހުން ބޭލި މައްސަލައިގައި ބަޔާން ދެނީ ތިނަދޫ މީހުންނާ މެދު ރައީސް ނާސިރުގެ ސަރުކާރުން އަމަލުކުރި އަނިޔާވެރި ގޮތް އަންގައިދީ މައުލޫމާތު ހާމަކުުރުމުގެ ގޮތުން ކަމަށްވެސް ބުންޏެވެ.

އާދަމް ބުނީ ތިނަދޫން މީހުން ފައިބަން އެންގި ސީދާ ވަގުތެއް ނޭނގޭ ކަމަށެވެ. ނަމަވެސް އެ ދުވަހުގެ އިރުއޮއްސި ހައެއްގެ ކުރިން ފައިބަން އެންގި ކަމަށެވެ.

ތިނަދޫން މީހުން ބޭލި މައްސަލައިގައި އާންމުކޮށް ހުޅުވާލައިގެން ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދެވަނަ މީހެއްގެ ގޮތުން ބަޔާން ދިނީ ތިނަދޫ އަށް ނިސްބަތްވާ އައިޝަތު ހުސައިން އެވެ.


ބަޔާން ދެމުން އައިޝަތު ބުނީ އޭނާގެ ބައްޕަގެ ގަޔަށް ބަޑި ޖަހައި މަރާލީ ނާސިރުގެ އަމުރަށް ތިނަދޫ އަށް އެރި ސިފައިން ކަމަށެވެ. އެ މަންޒަރު މަންމަ އަށް ފެނި ވަގުތުން ހެޔަށް ގޮތްވި ކަމަށެވެ.

ތިނަދޫ ރައްޔިތުން ރަށުން ފައިބަން ވަކި ވަގުތެއް ދިން ނަމަވެސް އޭގެކުރިން ބައެއް ގެތަކުގައި ހުޅުޖަހައި އަންދާލުމާ ގުޅިގެން ބައެއް މީހުން ރަށުން ފޭބުމަށް އަވަސް އަވަހަށް ގޮސް ބައްތެލި ތަކަށް އެރި ކަމަށް ބުންޏެވެ. އެވެސް ތަކްލީފް ބޮޑު ދަތުރެއްކަން ފާހަގަކޮށް އައިޝަތު ބުނީ ތިނަދޫ ރައްޔިތުންނަށް އަނބުރާ އެތައް އަހަރެއް ފަހުން ތިނަދޫ އަށް އާދެވުނީ ބިކަ ހާލުގައި އެތައް ދުވަހަކު އުޅުމަށްފަހު އެވެ.

ތިންވަނަ އަށް ބަޔާން ދިން އައިޝަތު ފަރީދާ ވަނީ ދިވެހި ސިފައިން ތިނަދޫ އަށް އަރައި އެވަގުތު އެ މީހުންނަށް މަގު މަތިން ފެނުނު އެތައް އަންހެނަކު ރޭޕްކޮށް އެތައް ބަޔަކަށް ބަޑިން ހަމަލާދީ މަރާލި ކަމަށް ތުހުމަތުކޮށްފަ އެވެ. ބައެއް ސިފައިން ތިނަދޫގެ ބައެއް އަންހެނުން ގެންގުޅުނީ އެމީހުންގެ އަނބިންގެ ގޮތުގައި ކަމަށްވެސް ބުންޏެވެ. އޭނާގެ އާއިލީ މީހުންގެ މުދާ ފޭރި އާއިލާގެ އެތައް ބަޔަކު ޖަލަށްލައި ލާއިންސާނީ ބޮޑެތި އަނިޔާދިނުމުން ދުވަސްކޮޅަކަށް މާލެ އައި ކަމަށްވެސް ބުންޏެވެ.

ތިނަދޫން މީހުން ބޭލި މައްސަލައިގެ އަޑުއެހުންތަކުގެ ހެނދުނު ދަންފަޅި ކުރިއަށް ގެންދިޔައީ ހެނދުނު 9:00 އިން 12:00 އަށެވެ. އަދި މެންދުރުފަހުގެ ދަންފަޅި ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ 2:30 އިން އިރުއޮއްސި 6:00ގެ ނިޔަލަށެވެ.

ތިނަދޫގައި އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށެވެ. މާލޭގައި އަޑުއެހުންތައް ކުރިއަށް ގެންދަން ނިންމާފައިވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ.

ތިނަދޫ މީހުން ބޭލި މައްސަލަ ބަލައިދިނުމަށް އެ ރަށުގެ ބައެއް ރައްޔިތުންގެ އިތުރުން ތިނަދޫ ކައުންސިލުން ވެސް އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅާފައިވެ އެވެ.

ތިނަދޫ ކައުންސިލުން ބަދަލުގެ ގޮތުގައި ހޯދަން ހުށަހެޅި ކަންކަން

  • ތިނަދޫން މީހުން ބޭލި މައްސަލަ ތަހުގީގުކޮށްދިނުން
  • ތިނަދޫ ރައްޔިތުންގެ ކިބައިން ދިވެހި ދައުލަތުން މައާފަށް އެދުން
  • ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައިވާ އިންސާނީ އެންމެހައި ހައްގުތައް ހޯދައިދިނުން
  • ރައްޔިތުންގެ ގެއްލިފައިވާ މުއްސަދިކަން އާރޯކުރުމަށް 100 އަހަރުގެ ތަރައްގީގެ ޕްލޭނެއް އެކުލަވާލައިލުން
  • ތިނަދޫ ރައްޔިތުންނަށް ބަދަލު ދިނުމާއެކު މީހުން ބޭލުމުގައި ބައިވެރިވި މީހުންގެ މުދަލާއި ބިންތަކުގެ 50 އިންސައްތަ ފައިދާ ދާއިމީ ގޮތެއްގައި ތިނަދޫ ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުން

ނާސިރުގެ ވެރިކަމުގައި ތިނަދޫން މީހުން ބޭލީ މީގެ 60 އަހަރު ކުރިން ފެބުރުއަރީ 2، 1962 ގަ އެވެ. ތިނަދޫ އަލުން އާބާދުވިތާ މިއަހަރު 56 އަހަރު ފުރޭނެ އެެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން ބުނީ ތިނަދޫން މީހުން ބޭލި މައްސަލައިގައި އަޑުއެހުންތަކެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ މައްސަލައިގައި ކަންހިނގާފައިވާ ގޮތާއި އަސާސީ ހައްގުތަކާއި އިންސާނީ ހައްގުތައް ގެއްލުމުގެ ސަބަބުން އަނިޔާ ލިބުނު މީހުންގެ ވާހަކަތައް އާންމުކޮށް ހިއްސާކުރުމަށް ފުރުސަތު ދިނުމާއި، ކަންހިނގާފައިވާ ގޮތާ ގުޅޭ އިތުރު މައުލޫމާތުތަކެއް ހޯދުން ކަމަށެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގެ މައިގަނޑު މަސައްކަތަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަކަށް އަރައިގެންފައިވާނަމަ އެ މައްސަލައެއް ބެލުމެވެ.