ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ގދ. ތިނަދޫން މީހުން ބޭލި މައްސަލައިގައި ބާއްވަން ނިންމާފައިވާ އަޑުއެހުންތައް ބާއްވާ ތާރީހު ފަސްކޮށްފި އެވެ.
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން އަޑުއެހުންތައް ފަސްކުރި ވަކި ސަބަބެއް ބުނެފައެއް ނުވެ އެވެ.
ތިނަދޫން މީހުން ބޭލި މައްސަލައިގައި އެރަށުގައި އަޑުއެހުންތައް ކުރިއަށް ގެންދަން ކުރިން ނިންމާފައި އޮތީ މިމަހުގެ 3-5 އަށެވެ. މާލޭގައި އަޑުއެހުންތައް ކުރިއަށް ގެންދަން ނިންމީ މިމަހުގެ 18-19 އަށެވެ.
އޮމްބަޑްސްޕާސަންގެ އޮފީހުން ތިނަދޫގައި އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް މިހާރު ނިންމާފައިވަނީ މިމަހުގެ 19-22 އަށެވެ. މާލޭގައި އަޑުއެހުންތައް ކުރިއަށް ގެންދަން ނިންމާފައިވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ.
ތިނަދޫން މީހުން ބޭލި މައްސަލައިގައި އިންތިގާލީ އިންސާފުގެ އޮފީހުން ބާއްވަން ނިންމާފައިވާ އަޑުއެހުންތަކުގައި ބައިވެރިވުމަށް ނަން ނޯޓު ކުރުމުގެ ފުރުސަތު ވެސް އެ އޮފީހުން ކުރިން އިތުރުކޮށްފައިވެ އެވެ. އެގޮތުން އެ ފުރުސަތު އެންމެ ފަހުން އިތުރުކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.
ތިނަދޫ މީހުން ބޭލި މައްސަލަ ބަލައިދިނުމަށް އެ ރަށުގެ ބައެއް ރައްޔިތުންގެ އިތުރުން ތިނަދޫ ކައުންސިލުން ވެސް އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅާފައިވެ އެވެ.
ތިނަދޫ ކައުންސިލުން ބަދަލުގެ ގޮތުގައި ހޯދަން ހުށަހެޅި ކަންކަން
- ތިނަދޫން މީހުން ބޭލި މައްސަލަ ތަހުގީގުކޮށްދިނުން
- ތިނަދޫ ރައްޔިތުންގެ ކިބައިން ދިވެހި ދައުލަތުން މައާފަށް އެދުން
- ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައިވާ އިންސާނީ އެންމެހައި ހައްގުތައް ހޯދައިދިނުން
- ރައްޔިތުންގެ ގެއްލިފައިވާ މުއްސަދިކަން އާރޯކުރުމަށް 100 އަހަރުގެ ތަރައްގީގެ ޕްލޭނެއް އެކުލަވާލައިލުން
- ތިނަދޫ ރައްޔިތުންނަށް ބަދަލު ދިނުމާއެކު މީހުން ބޭލުމުގައި ބައިވެރިވި މީހުންގެ މުދަލާއި ބިންތަކުގެ 50 އިންސައްތަ ފައިދާ ދާއިމީ ގޮތެއްގައި ތިނަދޫ ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުން
ނާސިރުގެ ވެރިކަމުގައި ތިނަދޫން މީހުން ބޭލީ މީގެ 60 އަހަރު ކުރިން ފެބުރުއަރީ 2، 1962 ގަ އެވެ. ތިނަދޫ އަލުން އާބާދުވިތާ މިއަހަރު 56 އަހަރު ފުރޭނެ އެެވެ.
އިންތިގާލީ އިންސާފުގެ އޮފީހުން ބުނީ ތިނަދޫން މީހުން ބޭލި މައްސަލައިގައި އަޑުއެހުންތަކެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ މައްސަލައިގައި ކަންހިނގާފައިވާ ގޮތާއި އަސާސީ ހައްގުތަކާއި އިންސާނީ ހައްގުތައް ގެއްލުމުގެ ސަބަބުން އަނިޔާ ލިބުނު މީހުންގެ ވާހަކަތައް އާންމުކޮށް ހިއްސާކުރުމަށް ފުރުސަތު ދިނުމާއި، ކަންހިނގާފައިވާ ގޮތާ ގުޅޭ އިތުރު މައުލޫމާތުތަކެއް ހޯދުން ކަމަށެވެ.
ޕަބްލިކް ހިއަރިންގައި ބައިވެރިވާ މީހުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާއި ބަޔާން ނެގުމަށް ފުރުސަތު ދޭނެ މީހުން ކަނޑައަޅާނެ ގޮތުގެ އުސޫލެއް ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ.
އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހެޅުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި މައްސަލަތަކުގެ ތެރެއިން 449 މައްސަލައެއް ބަލަން ވަނީ ނިންމާފަ އެވެ. ތިނަދޫން މީހުން ބޭލި މައްސަލައިގައި އަޑުއެހުންތަކެއް ކުރިއަށް ގެންދަން އިންތިގާލީ އިންސާފުގެ އޮފީހުން ނިންމީ އެ އޮފީހުގެ ޓީމެއް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ތިނަދޫ އަށް ދަތުރުކޮށް ބައެއް މައުލޫމާތު އެއްކުރުމަށްފަހު އެވެ.
އިންތިގާލީ އިންސާފުގެ އޮފީހުގެ މައިގަނޑު މަސައްކަތަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަކަށް އަރައިގެންފައިވާނަމަ އެ މައްސަލައެއް ބެލުމެވެ.