އޮމްބަޑްސްޕާސްންސްގެ އޮފީސް

އޮމްބަޑްސްޕާސަންގެ މަގާމަށް މުސްތަފާ

Sep 20, 2022
1

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހުގެ އޮމްބަޑްސްޕާސަންގެ މަގާމަށް ރ. އަނގޮޅިތީމު، ކަނީރުމާގޭ، މުސްތަފާ ހަމީދު އައްޔަންކުރައްވާފަ އެވެ.

އޮމްބަޑްސްޕާސަންގެ މަގާމަށް މުސްތަފާ އައްޔަންކުރައްވާފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި އެއް ބޭފުޅެއް ކަމަށްވާ ހ. ފެހިއާލާ، މަރިޔަމް ލައިޒާ މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މުސްތަފާ އެންމެ ފަހުން ހުންނެވީ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހުގެ އިންވެސްޓިގޭޓަރެއްގެ މަގާމުގަ އެވެ.

މުސްތަފާ ވަނީ އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސްގައި ޝަރީއާ އެންޑް ލޯގެ ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލްކުރައްވާފަ އެވެ. އަދި އޭނާ މިހާރު ގެންދަވަނީ އެ ޔުނިވަސިޓީގައި މާސްޓާސްއަށް ކިޔަވާ ވިދާޅުވަމުންނެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހުގެ އޮމްބަޑްސްޕާސަންގެ މަގާމަށް ބޭފުޅުން އައްޔަންކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެވެ. އެ މަގާމުގައި މިހާރު ތިއްބެވީ މުސްތަފާގެ އިތުރުން ގއ. ކަނޑުހުޅުދޫ، ބުލޫރޯޒް، ޖިހާދާ އަނީސް އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން "އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް"ގެ ނަމުގައި އިދާރާއެއް އުފެއްދެވީ ޑިސެމްބަރު 17، 2020ގައެވެ. މިތަނުގެ ޗީފް އޮމްބަޑްސްޕާސަންގެ މަގާމުގައި ހުންނެވީ ނ. މާފަރު، އީޓުޖެހިގޭ އަބްދުއްސަލާމް އާރިފް އެވެ.

މި އޮފީހުގެ މަސައްކަތަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަށް އަރައިގެންފައިވާނަމަ، އެ މައްސަލައެއް ބަލައި އިންސާފު ހޯދައި ދިނުމެވެ.