އޮމްބަޑްސްޕާސަންގެ އޮފީސް

އިންތިގާލީ އިންސާފުގެ އޮފީހުގެ މުއްދަތު އިތުރުކުރައްވައިފި

Nov 17, 2022

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ މުއްދަތު އަންނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިތުރުކުރައްވައިފި އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ މުއްދަތު އިތުރުކުރައްވާފައިވަނީ އެ އޮފީހުގެ މަސައްކަތްތަކަށް ކަނޑައަޅާފައިވާ ދެ އަހަރު ދުވަހުގެ މުއްދަތު އަންނަ މަހުގެ 17 ވަނަ ދުވަހަށް ހަމަވާނެތީ އެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ މުއްދަތު އިތުރު ކުރީ އެ އޮފީހުން ތަހުގީގު ކުރަމުންދާ ބައެއް މައްސަލަތައް ފުރިހަމަކުރުމަށް މުއްދަތު އިތުރުކޮށްދިނުމަށް އެދި އޮމްބަޑްސްޕާސަންގެ އޮފީހުން އެދިފައިވާތީ އެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ ޑިސެމްބަރު 17، 2020 ގައެވެ. ގާނޫނު ބުނާ ގޮތުން މި އޮފީހުގެ ދައުރަކީ ދެ އަހަރެވެ. އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ އޮފީހުގެ މަސައްކަތް ނިންމިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ގަބޫލުނުކުރެއްވޭނަމަ އެ މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން އެ އޮފީހުގެ މަސައްކަތް ނިންމާނެ ނިޒާމެއް ރައީސުލްޖުމްހޫރިއްޔާ ގާއިމުކުރައްވަންޖެހެ އެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ ޗީފް އޮމްބަޑްސްޕާސަން އަކީ ނ. މާފަރު، އީޓުޖެހިގެ، އަބްދުއްސަލާމް އާރިފް އެެވެ. އެ އޮފީހުގައި އެންމެ އިސްކޮށް ދެން ތިއްބަވަނީ އޮމްބަޑްސްޕާސަންގެ ގޮތުގައި ތިއްބަވާ ދެ ބޭފުޅުންނެވެ. އެއީ ގއ. ކަނޑުހުޅުދޫ، ބްލޫރޯޒް، ޖިހާދާ އަނީސް އާއި ރ. އަނގޮޅިތީމު މުސްތަފާ ހަމީދު އެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް އުފައްދަވާ އެ އޮފީހަށް މައްސަލަ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި 487 މައްސަލަ ހުށަހެޅި އެވެ. ނަމަވެސް ބަލަން ނިންމާފައި ވަނީ 449 މައްސަލަ އެވެ. އިންސާފު ހޯދަން އެންމެ ގިނައިން ހުށަހަޅާފައި ވަނީ ބޯހިޔާވަހިކަމާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން ބޯހިޔާވަހިކަމުގެ 172 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. ދެން އެންމެ ގިނައިން ހުށަހަޅާފައި ވަނީ މަސައްކަތް ކުރުމުގެ ހައްގާ ގުޅޭ މައްސަލަތަކެވެެ. އޭގެ 156 މައްސަލައެއް އެ އޮފީހަށް ވަނީ ހުށަހަޅާފަ އެވެ. މީގެ އިތުރުން އަދުލުވެރިކަމާއި ހަމަހަމަކަމާއެކު ޝަރީއަތްކުރުމާ ގުޅޭ 26 މައްސަލަ އާއި، ލާއިންސާނީ އަދަބު ނުދިނުމާ ގުޅޭ 24 މައްސަލަ ވެސް ހިމެނެ އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގެ މައިގަނޑު މަސައްކަތަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަށް އަރައިގެންފައިވާނަމަ، އެ މައްސަލައެއް ބެލުމެވެ.