ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ގދ. ތިނަދޫން މީހުން ބޭލި މައްސަލާގައި ރައްޔިތުންނަށް ދީފައި ހުރި އަނިޔާއާ ގެއްލުމުގެ ބަދަލު އެއްވެސް ފަރާތަކަށް ނުދެވޭނެ ކަމަށާއި އެހެން ނަމަވެސް އެ އަނިޔާވެރި އަމަލު ހިންގި ފަރާތްތަކާއި އޭރު އޮތް ސަރުކާރު ޒިންމާދާރުކޮށް ހައްގު ހޯދުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމުގައި ތިނަދޫ ކައުންސިލުން ބުނެފި އެވެ.
ތިނަދޫ ކައުންސިލުން މިހެން ބުނެފައި މިވަނީ އެ ރަށުން މީހުން ބޭލި މައްސަލައިގައި އާންމުކޮށް ހުޅުވާލައިގެންނާއި އަދި ހުޅުވާނުލައި ވެސް މާލެއާއި ތިނަދޫގައި އަޑުއެހުންތަކެއް ބާއްވަން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ނިންމާފައި ވަނިކޮށެވެ.
ނާސިރުގެ ވެރިކަމުގައި ތިނަދޫން މީހުން ބޭލީ މީގެ 60 އަހަރު ކުރިން ފެބުރުއަރީ 2، 1962 ގަ އެވެ. ތިނަދޫ އަލުން އާބާދުވިތާ މިއަހަރު 56 އަހަރު ފުރޭނެ އެެވެ.
އިންތިގާލީ އިންސާފުގެ އޮފީހުން ބުނީ ތިނަދޫން މީހުން ބޭލި މައްސަލައިގައި އާންމުކޮށް ހުޅުވާލައިގެން އަޑުއެހުންތަކެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ މައްސަލައިގައި ކަންހިނގާފައިވާ ގޮތާއި އަސާސީ ހައްގުތަކާއި އިންސާނީ ހައްގުތައް ގެއްލުމުގެ ސަބަބުން އަނިޔާ ލިބުނު މީހުންގެ ވާހަކަތައް އާންމުކޮށް ހިއްސާކުރުމަށް ފުރުސަތު ދިނުމާއި، ކަންހިނގާފައިވާ ގޮތާ ގުޅޭ އިތުރު މައުލޫމާތުތަކެއް ހޯދުން ކަމަށެވެ.
ތިނަދޫގައި އަޑުއެހުންތައް ކުރިއަށް ގެންދަން ނިންމާފައިވަނީ މާޗް 3-5 އަށެވެ. މާލޭގައި އަޑުއެހުންތައް ކުރިއަށް ގެންދަން ނިންމާފައިވަނީ މާޗް 18-19 އަށް މާލޭގަ އެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވީ ތިނަދޫން މީހުން ބޭލި މައްސަލައިގައި ލާއިންސާނީ އެތައް އަމަލެއް ހިންގާ އެތައް ރައްޔިތެއްގެ ފުރާނައާއި މުދާ ގެއްލުވާލާފައިވާ ކަމަށެވެ. ސައުދު އެ އަމަލު ސިފަކުރެއްވީ ތިނަދޫގެ މުޅި މުސްތަގުބަލް އަނދާއަޅިއަށް ހަދާލި ހާދިސާއެއްގެ ގޮތުގަ އެވެ.
"ތިނަދޫ އަކީ ކުރީގައި އިލްމީ އެތައް ދަރިންނެއް ތިބި ރަށެއް. ރާއްޖޭގައި ނެތް ވަރުގެ ބޮޑެތި ވިޔަފާރިވެރިން ތިބި ރަށެއް. ތިނަދޫ އިން ފުރައިގެން ރާއްޖެއިން ބޭރަށް ދަތުރުކޮށް މުދާ ގެނެސްގެން ފުޅާކޮށް ވިޔަފާރިކުރި ތަނަވަސް ބައެއް. ދިވެހި ދައުލަތަށް ފައިސާގެ ދަތިކަން ދިމާވުމުން ތިނަދޫން އެބަހުރި ދައުލަތަށް ލޯނު ދޫކޮށްފައި. މިހާ ތަނަވަސްކޮށް އުޅުނު ބައެއްގެ ދިރިއުޅުން އެހާދިސާއަށްފަހު ގެއްލިގެން ދިޔައިމާ އަޅުގަނޑު މިދަންނަވަނީ ތިނަދޫގެ މުސްތަގުބަލް އެ ދުވަހަށް ފަހު ގެއްލިއްޖެއޭ. އަޅުގަނޑުމެންގެ ތަރައްގީ އެތައް ތަނެއް ފަހަތަށް ގޮސްފިއޭ،" ސައުދު ވިދާޅުވި އެވެ.
ތިނަދޫ މީހުން ބޭލި މައްސަލައިގެ އިންސާފު ހޯދައިދިނުމަށް ތިނަދޫގެ ވަކިވަކި ފަރުދުންގެ އިތުރުން އެރަށު ކައުންސިލުން ވެސް ވަނީ ރަސްމީކޮށް އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހަޅާފަ އެވެ.
ސައުދު ވިދާޅުވީ ތިނަދޫ ކައުންސިލަކީ ރައްޔިތުން ތަމްސީލް ކުރާ ދައުލަތުގެ މިނިވަން ޝަހްސަކަށް ވީތީ ތިނަދޫ ކައުންސިލުން ހުށަހަޅާ މައްސަލައެއްގައި ބާރުވެރިކަމެއް އަދި މައްސަލަ ސާބިތުކުރަން ބޭނުންވާ ހެކިތަކެއް ހުންނާނެ ކަމަށެވެ. ތިނަދޫން މީހުން ބޭލި މައްސަލައިގައި އިންސާފު ހޯދައިދޭން ކައުންސިލުން ހުށަހެޅީ އެއީ ތިނަދޫ ރައްޔިތުން އެދޭ ކަމަކަށްވާތީ ތިނަދޫ އަށާއި ރައްޔިތުންގެ ގެއްލިފައިވާ ހައްގުތައް ހޯދައިދޭން މަސައްކަތް ކުރުމަކީ ކައުންސިލްގެ ޒިންމާއެއް ކަމުގައި ދެކޭތީ ކަމަށެވެ.
"ތިނަދޫ މައްސަލާގައި ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ތިނަދޫގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ވަނީ ދައުލަތަށް ހެދުނު ގޯސްތަކަށް މައާފަށް އެދިފައި. ތިނަދޫ މައްސަލައިގައި ރައީސް މައުމޫން ވެސް އަދި މަޖިލީހުގައިވެސް އެބަހުރި ބައެއް ވާހަކަތައް ދައްކަވާފައި. އަޅުގަނޑުމެން އަތުގައި އެ ލިޔުންތައް އެ ޔައުމިއްޔާތަށް ހެކީގެ ގޮތުގައި އެބަހުރި. އަޅުގަނޑުމެން ހުށަހަޅާ މައްސަލަ ސާބިތުކުރަން އެ ހުރިހާ އެއްޗެއް ވެސް ބޭނުންކުރާނަން،" ސައުދު ވިދާޅުވި އެވެ.
ތިނަދޫ ރައްޔިތުންނަށް ލިބުުނު އަނިޔާއާއި ގެއްލުމަށް ދެވޭނެ ހައްގު ބަދަލެއް ނެތް ނަމަވެސް ދިވެހި ދައުލަތާއި އެކަމެއްގައި ބައިވެރިވި ދައުލަތުގެ އިދާރާތަކެއް ނުވަތަ ބަޔަކު ނަމަވެސް ޒިންމާދާރު ކުރުވުމަކީ ވެސް ތިނަދޫ ރައްޔިތުންނަށް ލިބޭނެ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމަކަށް ވާނެ ކަމަށް ސައުދު ގަބޫލުކުރައްވަ އެވެ. ތިނަދޫން މީހުން ބާލައި ރައްޔިތުންނަށް ބޮޑެތި އަނިޔާއާއި ގެއްލުން ދިނީ އޭރު ހެދިފައި ހުރި، ހުރިހާ ގާނޫނުތަކަކާއި އެއްބަސްވުންތަކާ ވެސް ކަނޑައެޅިގެން ހިލާފަށް ކަމުގައިވެސް ވިދާޅުވި އެވެ.
ތިނަދޫން މީހުން ބާލަންޖެހުނީ އޭރުގެ ދައުލަތާ ދެކޮޅަށް ބަޣާވާތް ކުުރުމުން އެކަން އެގޮތަށް ނުކުރަން ދައުލަތުން ތިނަދޫ ރައްޔިތުންނަށް އެތައް ފަހަރަކު ނަސޭހަތްތެރިވުމަށްފަހު ރައްޔިތުންގެ ތެރެއިން ބަޔަކު ގޮތް ދޫނުކުރުމުން ކަމަށް ތާރީހީ ބައެއް ލިޔުންތަކުގައި ބުނެފައިވެ އެވެ. އެކަމަށް ރައްދުދީ ސައުދު ވިދާޅުވީ އެއީ އެ އަނިޔާވެރި އަމަލު ހިންގި ފަރާތްތަކުން ހަގީގީ މައްސަލައިގެ ތާރީހު އޮޅުވާލުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ.
ސައުދު އިތުރަށް ވިދާޅުވީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ޒައާމަތުގައި ކުރީގެ މައްސަލަތައް ބަލައި އިންސާފު ހޯދައިދޭން ނިންމެވި ނިންމެވުމަކީ ތިނަދޫ ރައްޔިތުން ވަރަށް ބޮޑަށް ޝުކުރުވެރިވާ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. ތިނަދޫން މީހުން ބޭލި މައްސަލާގައި ދިވެހި ދައުލަތް ކުށްވެރިވާ ކަމަށް ސާބިތުވެއްޖެނަމަ ތިނަދޫ ރައްޔިތުންނަށް ލިބެންޖެހޭ ހައްގު ބަދަލުގެ މިންވަރެއް ނަމަވެސް ދިވެހި ދައުލަތުން ހަމަޖައްސައިދިނުމުގެ ގާބިލްކަމާއި ހިތްވަރު ރައީސް ސޯލިހުގެ ކިބައިގައި ހުންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ރައީސް ސޯލިހަކީ ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ވަރަށް ރަނގަޅު ސިފަތަކެއް ލިބިފައި ހުންނެވި ބޭފުޅެއް. އަހްލާގު ރަނގަޅު ހުލްގު ހެޔޮ ބޭފުޅެއް. ރައީސް ސޯލިހުގެ ޒައާތަމަތުގައި ތިނަދޫ ރައްޔިތުންގެ ގެއްލިފައިވާ ހައްގުތަކަށް ތަސައްލީއެއް އެމަނިކުފާން ހޯއްދަވައިދެއްވާނެ. އަޅުގަނޑަށް ރައީސް ސޯލިހާ މެދު ފުރިހަމަ އިތުބާރު އެބައޮތް،" ސައުދު ވިދާޅުވި އެވެ.