ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބިމުން އިއްޗިއެއްވެސް ބޭރުގެ ބަޔަކަށް ނުދޭނަން: ރައީސް

ދިވެހި ބިމުން އެންމެ އިންޗިއެއްވެސް ބޭރުގެ ބަޔަކަށް ނުދޭނެ ކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ގދ. ތިނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހް މިހެން ވިދާޅުވީ މިސަރުކާރުން ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށް ބޭރުގެ ސިފައިން ރާއްޖެ ގެނެސްފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކަށް ރައްދުދެއްވަމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ ބޭރުގެ ފަރާތްތަކަށް ދިވެހި ބިން މިލްކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށްފަ އެވެ.

އިސްލާހަށް ފާޑު ކިޔުއްވާ ރައީސް ވިދާޅުވީ އޭރުގެ ސަރުކާރުން އެ އިސްލާހު އޭރު ގެނައީ ރާއްޖޭގެ އަތޮޅެއް ބޭރުގެ ބަޔަކަށް ވިއްކާލަން ވެގެން ކަމަށެވެ. އެ އިސްލާހު ކުރިން އޮތް ގޮތަށް ބަދަލުކޮށް ރާއްޖޭގެ ބިން ނުވިއްކޭ ގޮތް ހެދީ މިސަރުކާރުން ކަމުގައި ރައީސް ވިދާޅުވި އެވެ.

"ވެރިކަމުގައި ތިބިހާ ދުވަހަކު މި ރާއްޖޭގެ އެންމެ އިންޗިއެއް ވެސް އެންމެ ވެލިފުކެއް ވެސް ބޭރުގެ ބަޔަކަށް މިލްކެއް ނުކުރެވޭނެ. އެ ޔަގީންކަން ދެން," ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއާއި މޮރިޝަސްއާއި ދެމެދުގައިވާ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އެމަނިކުފާނު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއަކީ ރާއްޖޭގެ ކަނޑު ވިއްކާލުމަށް ފޮނުއްވި ސިޓީއެއް ކަމަށްވެސް އިދިކޮޅު ފަރާތްތަކުން ބުނި ކަމަށެވެ. ނަމަވެސް ވެރިކަމަށް އަންނަން މަސައްކަތް ކުރާ ބަޔަކު އެވަރަށް ދޮގު ހަދައި އޮޅުވާލާނެ ކަމަށް ހީނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

"އެހެންނަމަވެސް ރައްޔިތުންނަށް އޮޅުވާލައިފި," ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ކޮންމެ ގޮތަކަށް ދިޔަ ނަމަވެސް ދެވަނަ ބުރުގައި ނަތީޖާ ކޮންމެ ގޮތަކަށްވެސް އަނބުރާ ލެވިދާނެ ކަމަށެވެ. އެގޮތުން ވިދާޅުވީ ރަށްރަށުގައި ތިބި ޑިމޮކްރެޓުންގެ ތާއީދު ލިބިއްޖެނަމަ މަދު ރަށެއް ފިޔަވާ ގިނަ ރަށެއްގެ މެޖޯރިޓީ ހޯދޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ކޮންމެ ހިސާބެއްގައި އުޅޭ ބަޔަކަށްވެސް ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ގޯއްޗާއި ފްލެޓް ގަތުމަށް ފައިސާ ނެގޭގޮތް ދެވަނަ ދައުރެއްގައި ހަމަޖައްސައިދެއްވާނެ ކަމަށެވެ. ތިނަދޫއަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލައިގައި ރައީސް ވިދާޅުވީ އެރަށުގެ ބިން ހިއްކުމަށްފަހު ކުރިން ވައުދުވި 500 ފްލެޓަށް ވުރެ މާގިނަ ފްލެޓް އަޅައިދީ ތިނަދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ.