ގދ. ތިނަދޫގައި ހަރަކާތްތެރިވާ ދަ ޑިމޮކްރެޓްސްގެ މެންބަރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރަން ނިންމައިފި އެވެ.
ރައީސް މިރޭ ތިނަދޫއަށް ވަޑައިގަތުމުން އެރަށުން ވަނީ ރައީސް ސޯލިހަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
ރައީސްއަށް މަރުހަބާ ކިޔުމަށް ޑިމޮކްރެޓްސް ކުލައިގެ ޓީޝާޓުގައި އެ ޕާޓީގެ މެންބަރުންވެސް ނިކުމެ މަރުހަބާ ކިޔާފައިވެ އެވެ.
ޑިމޮކްރެޓްސްގެ ބައެއް މެންބަރުން ބުނި ގޮތުގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހަށް ތާއީދުކުރަން ނިންމީ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސަތުތަކާ އެންމެ ކައިރި ކުރާ ސިޔާސަތުތަކެއް ގެންގުޅުއްވަނީ ރައީސް ސޯލިހް ކަމަށްވާތީ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓުންގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އިލްޔާސް ލަބީބް ވާދަކުރައްވާ ލިބިވަޑައިގަތީ ތިންވަނަ އެވެ.
ޑިމޮކްރެޓުންގެ ކެންޑިޑޭޓެއް ދެވަނަ ބުރުގައި ވާދަނުކުރައްވާތީ އެ ޕާޓީން ވަނީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމާފަ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހާއި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވާދަކުރައްވާއިރު ކެމްޕޭން މިހާރު ވަނީ ވަރަށް ބޮޑަށް ފޯރިގަދަވެފަ އެވެ.