ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ތިނަދޫއަށް ރައީސްގެ ބޮޑެތި ވައުދުތަކެއް

ގދ. ތިނަދޫ ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބޮޑެތި ވައުދުތަކެއް ވެވަޑައިގެންފި އެވެ.

ތިނަދޫ އަށް ގިނަ ވައުދުތަކެއް ވެވަޑައިގަންނަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ތިނަދޫގައި ތަރައްގީކުރަން ފެށި ކޮމާޝަލް ހާބަރު، ކުރިއަށް އޮތް އަހަރު ތެރޭ ނިމި، ރާއްޖެއަށް އެކި ގައުމުތަކުން ބޯޓުތައް އައިސް އެތަނަށް މުދާ ބާލަން ފަށާނެ ކަމަށެވެ. އަދި ހާބަރުގެ މަސައްކަތް ނިމުމުން އެތަނުގައި އެމްޕީއެލް އަދި ކަސްޓަމްސްގެ އިތުރުން އެތައް މުއައްސަސާއެއްގެ ހިދުމަތް ފެށި ތިނަދޫގައި ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ތިނަދޫގައި މަސްވެރިކަން ތަރައްގީކުރުމަށްޓަކައި 1،000 ޓަނުގެ ކޯލްޑު ސްޓޯރޭޖެއް އަދި 120 ޓަނުގެ ފްރީޒިން ކެޕޭސިޓީ ހުންނަ ފެކްޓަރީއެއް ގާއިމުކުރެވިގެންދާނެ ކަމަށެވެ. އެމަސައްކަތް މިހާރުވެސް ހިނގަމުން އެބަދެ އެވެ.

"އޭރުން ސީދާ މިރަށަށް، ތިނަދޫ ސިޓީއަށް މަސްވެރިންނަށް އައިސް މަސްކިރޭނެ. ބޭނުންވާ ހުރިހާ ހިދުމަތެއް މިތަނުން ލިބެން ހުންނާނެ،" ރައީސް ވިދާޅުުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އާރްޓީއެލްގެ ހިދުމަތް މިއަދު ހުވަދު އަތޮޅުގައި ރަސްމީކޮށް ފެށުމުގެ ސަބަބުން އެކި ހިދުމަތް ހޯދުން ވަަރަށް ބޮޑަށް ފަސޭހަވެގެން ދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް މީގެކުރިން ކުރި ބޮޑު ހަރަދު ސަލާމަތް ވެގެންދާނެ ކަމަށެވެ.

ތިނަދޫގައި މިއަދު ވަނީ އިމިގްރޭޝަންގެ ހިދުމަތް ފަށައި ޕާސްޕޯޓް ހަދައިދޭން ފަށާފަ އެވެ. އެކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ދެން އެންމެ އަވަހަށް ޕްލޭނުގައި އޮތީ ކާޑެއްދޫ އެއާޕޯޓު އިންޓާނޭޝަނަލް އެއާޕޯޓަކަށް ހަދައި ތިނަދޫ ރައްޔިތުން މާލެ ނައިސް ކާޑެއްދޫ އިން ރާއްޖެއިން ބޭރަށް ދެވޭނެ ގޮތެއް ހަދައިދިނުން ކަމަށެވެ.

"އެކަން އަޅުގަޑުމެން މި ޕްލޭންު ކޮށްފައިވާ ގޮތަށް ނުކުރެވެނީ ކަމަށް ވިއްޔާ އަޅުގަނޑުމެން ބަލާކަށް ނުތިބޭނަން،" ކާޑެއްދޫ އެއާޕޯޓް، އިންޓަނޭޝަނަކް ކުރަން ވިލާއަށް ދީފައިވާ މަޝްރޫއަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވި އެވެެ.

އެމަނިކުފާނު ވިދާޅުވި މިދިޔަ ހަފްތާ ތެރޭގައި އިކޮނޮމިކް ކައުންސިލުން ވަނީ ތިނަދޫގެ ފަޅުތެރޭގައި "އިންޓަގްރޭޓެޑް" ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރަން ނިންމާފައި ކަމަށެވެ.

"އެއާ އެކީގައި އަޅުގަނޑު މިދަންނަވާހެން ކާޑެއްދޫގެ އެއާޕޯޓް އިންޓާނޭޝަނަލް އެއާޕޯޓަކަށް ނުވާކަމަށް ވަނިއްޔާ، އިރާދަކުރެއްވިއްޔާ މި ޕްރޮޖެކްޓާއި އެކީގައި އިރާދަކުރެއްވިއްޔާ މިތަނުގައި އިންޓާނޭޝަނަލް އެއާޕޯޓެއްގެ ހިދުމަތް ލިބިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

ތިނަދޫގެ ތަރައްގީއަށްޓަކައި ކުރިއަށް އޮތް ދައުރުގައި ރަށުގެ ބިން ހިއްކައި ދެއްވާނެ ކަމަށާއި އެސަރަހައްދުގައި ވިޔަފާރި އަދި އެކިއެކި އިންޑަސްޓްރިއަލް މަސައްކަތް ކުރުމުގެ ޖާގައާއި ރައްޔިތުންނަށް ބޯހިޔާވެހިކަމަށް އިތުރު 500 ފްލެޓު އަޅުއްވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ ތިނަދޫ ފަޅުތެރޭގައި ރަައްޔިތުން ދަތުރުގޮސް މޫދަށް އެރުމަށް "ޕިކްނިކު އައިލޭންޑެއް" ހަދައިދިނުމަށްވެސް ވައުދުވެފަ އެވެ.

ތިނަދޫގައި މިހާރުވެސް ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫއު ނިންމާފައި އެމްޓީސީސީ އިން ފައިބާނީ ތިނަދޫގެ ހުރިހާ މަގެއް ނިންމާފައި ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި ތިނަދޫގައި މަތީ ތައުލީމު ހާސިލް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓާކައި ތިނަދޫގައި ގައުމީ ޔުނިވަސިޓީގެ ކެމްޕަހެއް ގާއިމުކުރައްވާނެ ކަމަށެވެ. މީގެ އިތުރުން ތިނަދޫގައި މިހާރު ހުރި ޑިޓޮކްސް ސެންޓަރު ރިހެބަކަށް ބަދަލުކުރުމަށް އެތަނަށް ބޭނުންވާ ހުރިހާ ވަސީލަތްތައްވެސް ހޯދައިދޭނެ ކަމުގައި ވިދާޅުވި އެވެ.

ތިނަދޫގައި އައު ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ފަހު، މިހާރު އެރަށުގައި ހުރި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިމާރާތް ބޭނުންކުރާނީ ގައުމީ ޔުނިވާސިޓީގެ ދަށުން މެޑިކަލް ދާއިރާއިން ދަރިވަރުން ތަމްރީނު ކުރާ ކެމްޕަހެއްގެ ގޮތުގައި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.