ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދޭން ތައްޔާރުވަނީ

ގދ. ތިނަދޫ، ސިޓީއަކަށް ހަދައިދޭނެ ކަމަށާއި ތިނަދޫ ސިޓީއަކަށް ހެދުމުގެ ރަސްމިއްޔާތައް ވަރަށް އަވަހަށް އެރަށަށް ވަޑައިގަންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި މިއަދު ތިނަދޫއަށް ވަޑައިގެން އެމްޑީޕީގެ މެންބަރުންނާ ބައްދަލުރައްވާ ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުގެ ތަރައްގީގެ ސިޔާސަތުގައި ތިނަދޫއަކީ ވަރަށް މުހިންމު ރަށެއް ކަމަށެވެ. އަދި ތިނަދޫ ތަރައްގީ ކުރައްވަމުން ގެންދަވަނީ ސިޓީއަކަށް ބަދަލު ކުރުމަށް ކަމުގައި ވިދާޅުވި އެވެ.

"ސިޓީއަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް އިރާދަކުރެއްވިއްޔާ އެ ވިސްނުމާ އެއްގޮތަށް މިހާރު މިގެންދަނީ ކުރިއަށް،" ރައީސް ވިދާޅުވި އެވެ.

ތިނަދޫގައި ކުރުމަށް ރޭވިފައިވާ ކަންކަމާއި ކުރަމުންދާ ކަންކަންވެސް މިބައްދަލުވުމުގައި ރައީސް ވަނީ ހިއްސާކުރައްވާފަ އެވެ. އެގޮތުން ތިނަދޫގައި ބައިނަލްއަގުވާމީ ކޮމާޝަލް ޕޯޓެއް ތަރައްގީ ކޮށްދެއްވާނެ ކަމަށާއި މިހާރުވެސް އެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ތިނަދޫ ކައިރީގައި ބައިނަލްއަގުވާމީ ވައިގެ ބަނދަރެއް ގާއިމުކުރައްވާނެ ކަމަށާއި ތިނަދޫ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ އެންމެ މައި ދެ ސިނާއަތް ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމުގައިވެސް ހުވަދު އަތޮޅަކީ އެންމެ ކުރީގައި އޮތް އަތޮޅު ކަމަށެވެ. މީގެތެރޭގައިވެސް ތިނަދޫއަކީ މުހިންމު ރަށެއް ކަމަށް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ފަތުރުވެރިކަން ކުރިއެރުވުމަށް ބޭނުންވަނީ ރަނގަޅު ވަސީލަތްތަކެއް ކަމަށާއި ސަރުކާރުން ތިނަދޫ ކައިރީގައި އެއާޕޯޓަކާއި ކޮމާޝަލް ޕޯޓަކާއި އަސާސީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން ދަނީ ފަތުރުވެރިކަން ކުރިއެރުވުމަށް ކަމަށެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ތިނަދޫގައި ކޯލްޑް ސްޓޯރޭޖް ބޮޑު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. މީގެ އިތުރުންވެސް ތިނަދޫއާއި ހުވަދު އަތޮޅަށް އަމާޒުކޮށްގެން ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވަނީ ވައުދުވާ ކަންކަން ކޮށްދެއްވާނެތޯ ނުވަތަ މަޑު ޖެހޭނީތޯ ރައްޔިތުންގެ ހިތުގައި އުފެދޭ ސުވާލުތަކަށް ވެސް މިބައްދަލުވުމުގައި ޖަވާބު ދެއްވާފަ އެވެ.

"ސަރުކާރުގެ ސިޔާސަތެއް ތަންފީޒު ކުރުމުގައި ސަރުކާރުގެ އެއްވެސް އޮފީހަކުން އެއްވެސް ކުންފުންޏަކުން ފަހެއް ނުޖެހޭނެ. އެކަންތައް އަޅުގަނޑުމެން ކުރާނަން. އަދި އެކަންތައް ކުރެވޭ ގޮތަށް ކަންކަން ބަދަލުކުރަމުން ގެންދާނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ތިނަދޫގެ ބޭރުތޮށި ލުމުގެ މަސައްކަތް ކުރަމުންދާއިރު އެ ސަރަހައްދުގައި ބާކީ އޮތްބައިވެސް ހިމަނައިދިނުމަށް ތިނަދޫގެ ކައުންސިލުން އެދިފައިވާ ކަމަށާއި އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ތިނަދޫގެ ރައްޔިތުން ޕިކްނިކް އައިލެންޑެއް ބޭނުންވާ ކަމަށާއި އެ މަސައްކަތް ވަަރަށް އަވަހަށް ކޮށްދެއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

"ދެން އޮތީ ތިނަދޫ ސިޓީއަކަށް ހެދުން. ތިނަދޫގައި ސިޓީއަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމުކޮށް ނިންމާނަން. އިރާދަކުރެއްވިއްޔާ މި އިންތިހާބަށްފަހު ލަސްތަކެއް ނުވެ މިރަށް ސިޓީއަކަށް ބަދަލުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އަޅުގަނޑު އަންނާނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.