އޮމްބަޑްސްޕާސްންސްގެ އޮފީސް

އިންތިގާލީ އިންސާފުގެ އޮފީހުގެ މުއްދަތު އިތުރުކުރަން ނިންމަވައިފި

Oct 6, 2022

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ މުއްދަތު އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

ރައީސްގެ ފަރާތްޕުޅުން މިއަދު މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ ޑިސެމްބަރު 17، 2020 ގައެވެ. ގާނޫނު ބުނާ ގޮތުން މި އޮފީހުގެ ދައުރަކީ ދެ އަހަރެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ އޮފީހުގެ މަސައްކަތް ނިންމިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ގަބޫލުނުކުރެއްވޭނަމަ އެ މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން އެ އޮފީހުގެ މަސައްކަތް ނިންމާނެ ނިޒާމެއް ރައީސުލްޖުމްހޫރިއްޔާ ގާއިމުކުރައްވަންޖެހެ އެވެ.

ކުރިއަށް އޮތް ދެ މަސް ތެރޭގައި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ މުއްދަތު ހަމަވާތީ މުއްދަތު އިތުރުކުރާނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން މިއުވާން މިއަދު ވިދާޅުވި އެ އޮފީހުގެ މުއްދަތު އިތުރުކުރުމަށް ރައީސް ސޯލިހް ނިންމަވާފައިވާ ކަމަށެވެ. އެކަމަކު އެ މުއްދަތު ފަހުން ހާމަކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް އުފައްދަވާ އެ އޮފީހަށް މައްސަލަ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި 487 މައްސަލަ ހުށަހެޅި އެވެ. ނަމަވެސް ބަލަން ނިންމާފައި ވަނީ 449 މައްސަލަ އެވެ. އިންސާފު ހޯދަން އެންމެ ގިނައިން ހުށަހަޅާފައި ވަނީ ބޯހިޔާވަހިކަމާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން ބޯހިޔާވަހިކަމުގެ 172 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. ދެން އެންމެ ގިނައިން ހުށަހަޅާފައި ވަނީ މަސައްކަތް ކުރުމުގެ ހައްގާ ގުޅޭ މައްސަލަތަކެވެެ. އޭގެ 156 މައްސަލައެއް އެ އޮފީހަށް ވަނީ ހުށަހަޅާފަ އެވެ. މީގެ އިތުރުން އަދުލުވެރިކަމާއި ހަމަހަމަކަމާއެކު ޝަރީއަތްކުރުމާ ގުޅޭ 26 މައްސަލަ އާއި، ލާއިންސާނީ އަދަބު ނުދިނުމާ ގުޅޭ 24 މައްސަލަ ވެސް ހިމެނެ އެވެ.

ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް މީގެކުރިން އަވަސް އަށް ވިދާޅުވި ގޮތުގައި ގިނަ މައްސަލަތަކަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެކި މަރުހަލާގައި ވަނީ އަޅާފަ އެެވެ. ގިނަ މައްސަލަތަކުގައި މާލީ ބަދަލަކަށް އެދިފައިވާތީ އިދާރާތަކާ ގުޅިގެން އެކަމުގައި ހައްލުތައް ހޯދަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގެ މައިގަނޑު މަސައްކަތަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަށް އަރައިގެންފައިވާނަމަ، އެ މައްސަލައެއް ބެލުމެވެ.