މިއުވާން މުހައްމަދު

ނަޝީދު ދައްކަވާ ސާބިތު ނުހިފޭ ވާހަކަތަކަށް ރައްދު ދޭން ވަގުތެއް ނެތް: މިއުވާން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ނިސްބަތް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ސާބިތު ނުހިފޭ ވާހަކަތަކަށް ރައްދު ދޭން ވަގުތު ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއުވާން މިހެން ވިދާޅުވީ ރައީސް ސޯލިހާއި މަސްތުވާތަކެއްޗާ ގުޅުވާ ރައީސް ނަޝީދު ރޭ ބޮޑު ތުހުމަތެއް ކުރައްވާފައި ވަނިކޮށެވެ.

"ސާބިތު ނުހިފޭ، ސިޔާސީ އެކަހަލަ ވާހަކަތަކަށް ރައްދު ދޭނެ ވަގުތެއް ނެތް،" މިއުވާން އަވަސްއަށް ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ ރައީސް ސޯލިހުގެ ސިޔާސަތުތައް ރައްޔިތުންނަށް ހާމަކޮށްދެއްވަމުން ގެންދަވާކަން މިދިޔަ ފަސް އަހަރު ތެރޭގައި ދައްކަވާފައިވާ ކަމަށެވެ.

"ރައީސްއަކީ ފޮރުވިފައި އޮންނަ އެޖެންޑާ ގެންގުޅުއްވާ ބޭފުޅެއް ނޫން،" މިއުވާން ވިދާޅުވި އެވެ.

އައްޑޫގައި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބާ އެކު ރައީސް ނަޝީދު ރޭ ބޭއްވި ބައްދަލުވުމެއްގައި އެމަނިކުފާނު ވަނީ ޑްރަގު ވިއްކުމަށް ރައީސް ސޯލިހު ތާއީދުކުރައްވާ ކަމަށް ތުހުމަތުކުރައްވާފަ އެވެ.

މީގެ ކުރިންވެސް ރައީސް ނަޝީދު ވަނީ ރައީސް ސޯލިހަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ. އެގޮތުން ރައީސް ސޯލިހުގެ ހަތަރު ގަނޑު ފޮޓޯ އެބައޮތް ކަމަށް ވިދާޅުވެ ރައީސް ސޯލިހު ބަދުއަހުލާގީ އަމަލު ހިންގެވި ކަމަށް ނަޝީދު ތުހުމަތު ކުރެއްވި އެވެ. ފަހުން އެ ވާހަކަ އެކި ގޮތްގޮތަށް ބަދަލުވެސް ކުރެއްވި އެވެ.

ރައީސް ސޯލިހް މާބޮޑަށް "މުސްކުޅިވެއްޖެ" ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ޒާތަށް ވެސް ނަޝީދު މިދިޔަ ހަފްތާގެ ތެރޭގައި ފާޑުވިދާޅުވި އެވެ. އެގޮތުން ރައީސް ސޯލިހަކީ ހިތުގެ އާލާސްކަންފުޅު ހުންނަވާތީ ސްޓެންޓް ލައްވާފައި ހުންނަވާ ބޭފުޅެއް ކަމަށާއި އަދި ކޮންމެ ދުވަހަކުވެސް މުށެއްހާ ބޭސް ރައީސް ސޯލިހް ފަރިއްކުޅުއްވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ޒާތީގޮތުން ދައްކަވާ މިފަދަ ވާހަކަތަކާ ގުޅިގެން ސޯޝަލްމީޑިއާގައި އެމަނިކުފާނަށް މިފަހުން އަމާޒުވާ ފާޑުކިޔުންތައް ވަނީ ބޮޑަށް އިތުރުވެފަ އެވެ.