އޮމްބަޑްސްޕާސަންގެ އޮފީސް

އިންތިގާލީ އިންސާފުގެ އޮފީހުން 141 މައްސަލަ ނިންމައިފި

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް (އޯޓީޖޭ) އަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 141 މައްސަލައިގެ ތަހުގީގު ނިންމައިފި އެވެ.

އޯޓީޖޭގެ އޮފީސް ގާއިމުކޮށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ޖޫން 13، 2021 އިން ފެށިގެން ސެޕްޓެންބަރު 13، 2021ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ 489 މައްސަލަ ހުށަހެޅި އެވެ. މީގެތެރެއިން އިހްތިސާސް އޮތް ކަމަށް ބަލައި ބެލުމަށް ނިންމާފައިވަނީ 455 މައްސަލަ އެވެ.

އޯޓީޖޭ އިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިހާތަނަށް ތަހުގީގުކޮށް ނިމުނު މައްސަލަތަކުގެ ތެރޭގައި އިގްތިސާދީ އަދި އިޖުތިމާއީ ހައްގުތަކާ ގުޅޭ 82 މައްސަލައާއި، މަސައްކަތްކުރުމުގެ ހައްގާ ގުޅޭ 37 މައްސަލައާއި، މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގުގެ ހަތް މައްސަލައާއި، ޕެންޝަން ލިބުމުގެ ހައްގާ ގުޅޭ ހަ މައްސަލައާއި، އަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީއަތްކުރުމާ ގުޅޭ ހަތަރު މައްސަލައަކާއި، ގާނޫނާ ހިލާފަށް ހައްޔަރުނުކުރުމާއި ބަންދުނުކުރުމާ ގުޅޭ ދެ މައްސަލައަކާއި، ބަދަލު ލިބިދިނުމުގެ ހައްގާ ގުޅޭ މައްސަލައަކާއި، އެއްވެ އުޅުމުގެ މިނިވަންކަމުގެ މައްސަލައެއްގެ އިތުރުން ޒާތީ ދިރިއުޅުމާ ގުޅޭ މައްސަލައެއް ވެސް ހިމެނެ އެވެ.

ބައެއް މައްސަލަތަކުގައި ސުލްހަކުރުމުގެ މަސައްކަތްތަކެއް ކުރަން ފުރުސަތު އޮތުމުން ދައުލަތުގެ އިދާރާތަކާ ގުޅިގެން އެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޯޓީޖޭ އިން ބުނެ އެވެ. ތަހުގީގު މަރުހަލާ ނުނިމި ހުރި މައްސަލަތަކުގެ ތަހުގީގު، ގާނޫނާއި ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންގޮސް ކުރިއަށް އޮތް ދުވަސްތަކުގައި ނިންމާލުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެ އޮފީހުން ކުރާނެ ކަމުގެ ޔަގީންކަންވެސް ދީފައިވެ އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގެ މައިގަނޑު މަސައްކަތަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަށް އަރައިގެންފައިވާނަމަ، އެ މައްސަލައެއް ބެލުމެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ ޑިސެމްބަރު 17، 2020 ގައެވެ. ގާނޫނު ބުނާ ގޮތުން މި އޮފީހުގެ ދައުރަކީ ދެ އަހަރެވެ. އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ އޮފީހުގެ މަސައްކަތް ނިންމިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ގަބޫލުނުކުރެއްވޭނަމަ އެ މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން އެ އޮފީހުގެ މަސައްކަތް ނިންމާނެ ނިޒާމެއް ރައީސުލްޖުމްހޫރިއްޔާ ގާއިމުކުރައްވަންޖެހެ އެވެ. ރައީސްއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ މުއްދަތު މިއަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށް ރައީސް ސޯލިހް މިހާރު ވަނީ އިތުރުކުރައްވާފަ އެވެ.