ގދ. ތިނަދޫ

ތިނަދޫން މީހުން ބޭލި މައްސަލަ: މާލޭގެ އަޑުއެހުން ފަސްކޮށްފި

Mar 25, 2022

ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ގދ. ތިނަދޫން މީހުން ބޭލި މައްސަލައިގައި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން މާލޭގައި ބާއްވަން ނިންމި އަޑުއެހުން ފަސްކޮށްފި އެވެ.

މާލޭގެ އަޑުއެހުން ބޭއްވުމަށް ނިންމާފައި އޮތީ މިމަހުގެ 27ވާ އާދިއްތަ ދުވަހު އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން ބުނީ މާލޭގައި ބާއްވަން ނިންމި އަޑުއެހުމުގައި ބަޔާން ދޭނެ މީހުން މަދުވުމުން އެ ބައްދަލުވުން ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

ތިނަދޫން މީހުން ބޭލި މައްސަލައިގައި މިމަހުގެ 18-19 އަށް ތިނަދޫގައި އަޑުއެހުންތައް ބާއްވާފައިވެ އެވެ. އެ އަޑުއެހުންތަކުގައި ބަޔާން ދިން މީހުން ވަނީ ނާސިރުގެ ވެރިކަމުގައި ތިނަދޫ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ އެތައް އަނިޔާއެއްް ދިން ކަމަށް ބުނެ ދައުލަތުން ބަދަލު ދިނުމަށް ހުށަހަޅާފަ އެވެ.

ތިނަދޫ މީހުން ބޭލި މައްސަލަ ބަލައިދިނުމަށް އެ ރަށުގެ ބައެއް ރައްޔިތުންގެ އިތުރުން ތިނަދޫ ކައުންސިލުން ވެސް އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅާފައިވެ އެވެ.

ތިނަދޫ ކައުންސިލުން ބަދަލުގެ ގޮތުގައި ހޯދަން ހުށަހެޅި ކަންކަން

  • ތިނަދޫން މީހުން ބޭލި މައްސަލަ ތަހުގީގުކޮށްދިނުން
  • ތިނަދޫ ރައްޔިތުންގެ ކިބައިން ދިވެހި ދައުލަތުން މައާފަށް އެދުން
  • ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައިވާ އިންސާނީ އެންމެހައި ހައްގުތައް ހޯދައިދިނުން
  • ރައްޔިތުންގެ ގެއްލިފައިވާ މުއްސަދިކަން އާރޯކުރުމަށް 100 އަހަރުގެ ތަރައްގީގެ ޕްލޭނެއް އެކުލަވާލައިލުން
  • ތިނަދޫ ރައްޔިތުންނަށް ބަދަލު ދިނުމާއެކު މީހުން ބޭލުމުގައި ބައިވެރިވި މީހުންގެ މުދަލާއި ބިންތަކުގެ 50 އިންސައްތަ ފައިދާ ދާއިމީ ގޮތެއްގައި ތިނަދޫ ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުން

ނާސިރުގެ ވެރިކަމުގައި ތިނަދޫން މީހުން ބޭލީ މީގެ 60 އަހަރު ކުރިން ފެބުރުއަރީ 2، 1962 ގަ އެވެ. ތިނަދޫ އަލުން އާބާދުވިތާ މިއަހަރު 56 އަހަރު ފުރޭނެ އެެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން ބުނީ ތިނަދޫން މީހުން ބޭލި މައްސަލައިގައި އަޑުއެހުންތަކެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ މައްސަލައިގައި ކަންހިނގާފައިވާ ގޮތާއި އަސާސީ ހައްގުތަކާއި އިންސާނީ ހައްގުތައް ގެއްލުމުގެ ސަބަބުން އަނިޔާ ލިބުނު މީހުންގެ ވާހަކަތައް އާންމުކޮށް ހިއްސާކުރުމަށް ފުރުސަތު ދިނުމާއި، ކަންހިނގާފައިވާ ގޮތާ ގުޅޭ އިތުރު މައުލޫމާތުތަކެއް ހޯދުން ކަމަށެވެ.

އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހެޅުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި މައްސަލަތަކުގެ ތެރެއިން 449 މައްސަލައެއް ބަލަން ވަނީ ނިންމާފަ އެވެ. ތިނަދޫން މީހުން ބޭލި މައްސަލައިގައި އަޑުއެހުންތަކެއް ކުރިއަށް ގެންދަން އިންތިގާލީ އިންސާފުގެ އޮފީހުން ނިންމީ އެ އޮފީހުގެ ޓީމެއް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ތިނަދޫ އަށް ދަތުރުކޮށް ބައެއް މައުލޫމާތު އެއްކުރުމަށްފަހު އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގެ މައިގަނޑު މަސައްކަތަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަކަށް އަރައިގެންފައިވާނަމަ އެ މައްސަލައެއް ބެލުމެވެ.