އޮމްބަޑްސްޕާސަންގެ އޮފީސް

މީހުން ބޭލި މައްސަލާގައި ތިނަދޫގައި އަޑުއެހުންތަކެއް ބާއްވަނީ

Feb 1, 2022
1

ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ގދ. ތިނަދޫން މީހުން ބޭލި މައްސަލައިގައި އާންމުކޮށް ހުޅުވާލައިގެންނާއި އަދި ހުޅުވާނުލާ ވެސް އަޑުއެހުންތަކެއް ބާއްވަން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ނިންމައިފި އެވެ.

ނާސިރުގެ ވެރިކަމުގައި ތިނަދޫން މީހުން ބޭލީ މީގެ 60 އަހަރު ކުރިން ފެބުރުއަރީ 2، 1962 ގަ އެވެ. ތިނަދޫ އަލުން އާބާދުވިތާ މިއަހަރު 56 އަހަރު ފުރޭނެ އެެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން މިއަދު ބުނީ ތިނަދޫން މީހުން ބޭލި މައްސަލައިގައި ޕަބްލިކް ހިއަރިންތަކެއް ބާއްވަން ނިންމާގައިވާ ކަމަށެވެ. އޭގެ އެންމެ ބޮޑު ބޭނުމަކީ މައްސަލައިގައި ކަންހިނގާފައިވާ ގޮތާއި އަސާސީ ހައްގުތަކާއި އިންސާނީ ހައްގުތައް ގެއްލުމުގެ ސަބަބުން އަނިޔާ ލިބުނު މީހުންގެ ވާހަކަތައް އާންމުކޮށް ހިއްސާކުރުމަށް ފުރުސަތު ދިނުމާއި، ކަންހިނާފައިވާ ގޮތާ ގުޅޭ އިތުރު މައުލޫމާތުތަކެއް ހޯދުން ކަމަށެވެ.

ތިނަދޫ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަން ނިންމާފައިވަނީ މާޗް 3-5 އަށް ތިނަަދޫގަ އާއި މާޗް 18-19 އަށް މާލޭގަ އެވެ.

ޕަބްލިކް ހިއަރިންތަކުގައި ބައިވެރިވެ މައްސަލައާއި ގުޅޭ ބަޔާން ދިނުމަށް މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ނަން ނޯޓް ކުރަންޖެހެ އެވެ. އެ އޮފީހުގެ ނަންބަރު 7223473 ނަންބަރަށް ގުޅައިގެންނާއި އިންތިގާލީ އިންސާފުގެ އޮފީހަށް އީމެއިލް ކޮށްގެން ވެސް ނަން ނޯޓު ކުރެވޭނެ އެވެ.

ޕަބްލިކް ހިއަރިންގައި ބައިވެރިވާ މީހުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާއި ބަޔާން ނެގުމަށް ފުރުސަތު ދޭނެ މީހުން ކަނޑައަޅާނެ ގޮތުގެ އުސޫލެއް ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ.

ތިނަދޫން މީހުން ބޭލި މައްސަލައިގައި އަޑުއެހުންތަކެއް ކުރިއަށް ގެންދަން އިންތިގާލީ އިންސާފުގެ އޮފީހުން ނިންމާފައި މިވަނީ އެ އޮފީހުގެ ޓީމެއް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ތިނަދޫ އަށް ދަތުރުކޮށް ބައެއް މައުލޫމާތު އެއްކުރުމަށްފަހު އެވެ.

އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހެޅުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި މައްސަލަތަކުގެ ތެރެއިން 449 މައްސަލައެއް ބަލަން ވަނީ ނިންމާފަ އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގެ މައިގަނޑު މަސައްކަތަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަކަށް އަރައިގެންފައިވާނަމަ އެ މައްސަލައެއް ބެލުމެވެ.