ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަލަށް އެކުލަވާލި ގައުމީ އިނާމު ކޮމިޓީއާ ރައީސް ބައްދަލުކުރައްވައިފި

Mar 20, 2022

އަލަށް އެކުލަވާލި ގައުމީ އިނާމާ ބެހޭ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުކުރި ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ މީގެކުރިން އޮތް ކޮމިޓީގައި ހިމެނިވަޑައިގެންނެވި ބޭފުޅުން ކޮށްދެއްވި މަސައްކަތްތައް ފާހަގަކުރައްވައި، އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ އިނާމު ކޮމިޓީއަށް އަލަށް ހަމަޖެއްސެވި ބޭފުޅުން ހަމަޖެއްސެވުމުގައި، އެކި ރޮނގުތަކުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންނަށް އިސްކަންދެއްވި ކަމަށެވެ. އަދި ކޮމިޓީގެ މަސައްކަތް ކުރިއެކޭވެސް އެއްގޮތަށް ވީހާވެސް ހަމަހަމަކަމާއެކު ކުރިއަށް ގެންގޮސް ދެއްވުމަށް އެދިވަޑައިގެންނެވި އެވެ. އަދި އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަކީ މުޖުތަމައަށް ނަމޫނާ ބޭފުޅުންނަށް ވާންޖެހޭނެތީ އެކަމަށް އިސްކަން ދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

ކޮމިޓީގެ ޗެއާޕާސަން ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހްމަދު ދެއްކެވި ވާހަކަފުޅުގައި، ކޮމިޓީގެ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވާ އެމަނިކުފާނަށް ޝުކުރު އަދާކުރެއްވި އެވެ.