ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ ބާވަތްތަކެއް ނައްތާލައިފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ ނައްތާލި ތަކެތީގެ ތެރޭގައި މައިގަނޑުކޮށް ހިމެނެނީ ދުންފަތުގެ ބާވަތާއި ބަނގުރާ އެކުލެވޭ ބާވަތްތަކާއި ރާއްޖެ އެތެރެކުރުން މަނާ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތަކާއި ގާނޫނާއި ހިލާފަށް އެތެރެކޮށްފައިވާ ތަކެތި ކަމަށެވެ.
އެގޮތުން 314760 ސިގިރޭޓް/ބިޑި އާއި 8038 ފުޅި ބަނގުރަލާއި 1103 ދަޅު ބިޔަރާއި ރާއްޖެ އެތެރެކުރުން މަނާ ސިންގަލް ޔޫސް ޕްލާސްޓިކްގެ 19968 އައިޓަމް ހިމެނެއެވެ.
އަދި ބަނގުރާ ހުސްކުރި 540 ފުޅި އާއި 16 ކިލޯގެ ދުންފަތްވެސް ހިމެނެއެވެ. އަދި 10 ވޯކީ ޓޯކީ ސެޓްވެސް ހިމެނެއެވެ.
ކަސްޓަމުން ބުނީ މިތަކެތި ނައްތާލީ ކަސްޓަމްސް ކޮންޓްރޯލްގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެެއްޓޭ މަނާތަކެތި ނައްތާލުމުގައި ކަސްޓަމްސް އިން އަމަލު ކުރާ އުސޫލުގެ ދަށުން ކަމަށެވެ. މި ތަކެތި ނައްތާލީ އިއްޔެ އެވެ.