ދިވެހިރާއްޖޭގައި އަސްކަރީ ބަނދަރެއް ގާއިމު ކުރުމުގެ ހުއްދަ މި ސަރުކާރުން ދިނުމަށް ފަހު އެކަން ދިފާއު ކުރެއްވުމަށް މަތިމައްޗަށް ކިތަންމެ ދޮގެއް ހެއްދެވިޔަސް އެކަން ދެކޮޅު ނުޖެއްސޭނެ ކަމަށް ވިދާޅުވެ މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފި އެވެ.
ސައީދު މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނަވާ ނަޝީދު ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ. ނަޝީދު ވިދާޅުވީ ބޭރު ގައުމެއްގެ އަސްކަރީ މަރުކަޒުތައް ހުންނަ ގައުމުތަކަށް އިންވެސްޓުމެންޓު ލިބޭ އަދަދު ބޮޑު ކަމަށެވެ.
އެ ގޮތުން ގަތަރާއި ކުވޭތު އަދި ސައުތުކޮރެއާ އާއި ފިލިޕީންސްގެ އިތުރުން އަބޫދާދީ ފަދަ ގައުމުތައް ހިމެނޭ ކަމަށެވެ.
"އެ އާންމު ހަމަޔާ ގުޅޭގޮތުން އަޅުގަނޑު ހިތަށް ވަނީ ވިސްނުމެއް ބަހައްޓަން ޖެހޭނޭ،" ނަޝީދު ވިދާޅުވިއެވެ.
އެ ވާހަކަތައް ސައީދު ސިފަ ކުރެއްވީ އެއީ އުތުރުތިލަފަޅުގައި އިންޑިއާ ސިފައިންގެ އަސްކަރީ މަރުކަޒެއް އެޅުމަށް މި ސަރުކާރުން ހުއްދަ ދީފައިވާ ދިނުން އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ދެއްކުމަށް ނަޝީދު ދެއްކެވި ވާހަކަފުޅެއްގެ ގޮތުގައެވެ. ވިދާޅުވީ ދިވެހިރާއްޖޭގައި އަސްކަރީ ބަނދަރެއް ގާއިމު ކުރުމުގެ ހުއްދަ މި ސަރުކާރުން ދިނުމަށް ފަހު އެކަން ދިފާއު ކުރެއްވުމަށް މަތިމައްޗަށް ކިތަންމެ ދޮގެއް ހެއްދެވިޔަސް އެކަން ދެކޮޅު ނުޖެއްސޭނެ ކަމަށެވެ.
އަދި ކުރީން ދިވެހީންގެ ރަށެއްގެ ގޮތުގައި އޮތް އަދި މިހާރު އިންޑިއާގެ ބައެއްގެ ގޮތުގައި މަލިކާ ގުޅުވާ ސައީދު ވިދާޅުވީ ރާއްޖެ ދެވަނަ މަލިކަކަށް ނުހެދޭނެ ކަމަށެވެ. އަދި މިއަދު ގޯހީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ހަދަން ފުރުސަތު ދިން ވެރީން ކަމަށެވެ. އެއީ ޚާއިނުންގެ ގޮތުގައިވެސް ސިފަ ކުރެއްވިއެވެ.