ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހުރީ "ހަރުކަށި ފިކުރު" ކަަމަށް ވިދާޅުވެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އެމަނިކުފާނަަށް ފާޑުވިދާޅުވެއްޖެ އެވެ.
ސައީދުގެ ފާޑުވިދާޅުވުން ނަޝީދަށް އަމާޒު ކުރެއްވީ އުތުރު ތިލަފަޅު(ޔޫޓީއެފް)ގެ އެއްބަސްވުމުގެ ހާޑްކޮޕީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މެމްބަރުންނާ ހިއްސާ ނުކުރީ އެގޮތަށް އެކަން ކޮށްފިނަމަ ސޯޝަލް މީީޑިއާގައި އާންމުވެ ރާއްޖެއާ އިންޑިއާގެ މަސްލަހަތަށް ބުރޫއަރާފާނެތީ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވާ ސައީދު ވިދާޅުވީ ނަޝީދުގެ ހުރީ "ހަރުކަށި ފިކުރު" ކަަމަށެވެ. ގާނޫނު އަސާސީ އެކުލަވާލީ 30 އަހަރު އެކަކު އަމިއްލައަށް ކަންކަން ނިންމާތީ ކަމަށް ބުނެ "ހަޅޭ ފަޅޭ" ޖަހާފައި ކަމަށާ އެ ގާނޫނު އަސާސީގައި ބުނާ ގޮތުން ޔޫޓީއެފް ފަދަ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކުރީން އެއްބަސްވުމަށް މަޖިލީހުން ރުހުން ހޯދަން ޖެހޭ ކަމަށެވެ.
"އެ ނޫން ހާލަތެއްގައި އެއްބަސްވުން ވާނީ ގޯސް،" ސައީދު ވިދާޅުވިއެވެ.
އުތުރު ތިލަފަޅު(ޔޫޓީއެފް)ގެ އެއްބަސްވުމާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައްކަވާ ވާހަކަތަކާ ހެދި ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވިއެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ޔޫޓީއެފްގެ އެއްބަސްވުމާ ގެ މަގްސަދާއި އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ބައެއް ކަންކަމާ ގުޅޭ ގޮތުން އާންމުންގެ ތެރޭގައި ހަގީގަތާއި ހިލާފަށް ރައީސް ޔާމީން ވާހަކަ ދައްކަވަމުންދާ ކަމަށެވެ.
އެގޮތުން އިންޑިއާ ސިފައިން ބޭރުންވާ ހަތިޔާރެއް ވެއްދޭނެކަމަށް ބުނާ ވާހަކައަކީވެސް ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަަކައެއް ކަަމަށެވެ.
"ދިވެހި ސަރުކާރުން ވެފައިވާ އަސްކަރީ ގުޅުން ގާއިމް ކުރުމާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ ދައްކާ ފެތުރުމަކީ ގައުމީ ސަލާމަތަށް ނުރައްކާތެރިކަން ހުރި އަދި ހާރިޖީ ގުޅުންތަކަށް ހީނަރުކަން އަތުވެދާނެ ކަމަކަށް ވާތީ އަޅުގަނޑު މަޖިލިސް ރައީސްގެ ހައިސިޔަތުން މެމްބަރުންނަށް ދަންނަވަން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.
ޔޫޓީއެފްގެ އެއްބަސްވުން އަދިވެސް ހާމައެއް ނުކުރެ އެވެ. އަދި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މެމްބަރުންނަަށް ވެސް އެއްބަސްވުމުގެ ހުރިހާ ސަފުހާތަކެއް ނުދައްކަ އެވެ. ހަމައެކަނި ދައްކާލައިފައި ވަނީ އޭގެ ބައެއް ސަފުހާތައް ޕްރެޒެންޓޭޝަނެއްގެ ގޮތުގަ އެވެ.