އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ލިބިވަޑައިގެންފިނަމަ އެ ޕާޓީއަށް ލިބޭ ފައިސާގެ 60 ޕަސަންޓް ދާއިރާތަކަށް ހަރަދުކުރާނެ ކަމަށް ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަމުން ގެންދަވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިހެން ވިދާޅުވީ ނ. ވެލިދޫގައި ތިބި އޭނާގެ ސަޕޯޓަރުންނާ އެކު ރޭ ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުންނެވެ.
ޕާޓީ އަލުން ވަރުގަދައަށް ހިންގާލުމަށްޓަކައި ޕާޓީ އަށް ލިބޭ ފައިސާގެ ބޮޑު ބައެއް ދާއިރާތަކުގެ އޮފީސްތައް ހިންގުމަށް ހަރަދުކުރަން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެފަދަ ވާހަކަތަކަކީ ކެމްޕޭންތަކުގައި ސިޔާސީ ބޭފުޅުން ފޮންޏަކަށް ދައްކަވާ ވާހަކަތަކެއް ކަމަށާއި ނަމަވެސް އެމްޑީޕީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެކަން ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް އެމްޑީޕީގެ ކޮންގްރެސް އަށް ވެސް އެކަން ކުރަން ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
"އޭރު ފާސްކުރީ 55 ޕަސެންޓް ބަހަން. އެކަމަކު އޭރުގެ ޗެއާޕާސަނާއި އޭރު ހިންގަވަން ތިއްބެވި ބޭފުޅުން އެކަމެއް ނުކުރައްވާ. ފަހަރުގައި ވެދާނެ ގައުމީ މަޖިލީހުގެ ނިންމުމެއްގެ ބާރު ދެރައީ ކަމަށް،" ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އޮފީސްތައް ހިންގަން ފައިސާ ދޫކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވީ ނަމަވެސް މިއަދާ ހަމައަށް ވެސް އެ އެންގުމަށް އަދި އަމަލުކޮށްފައެއް ނުވެ އެވެ.
ފައްޔާޒު ވިދާޅުވީ ޕާޓީއަށް ލިބޭ ފައިސާގެ 60 އިންސައްތަ ދާއިރާތަކަށް ހަރަދުކުރާ ވާހަކަ އަސާސީ ގަވައިދުގައި ލިޔަންވެސް ބޭނުންވާ ކަމަށެވެ. ރަށްރަށުގައި ތިބި އެމްޑީޕީގެ މެންބަރުންނަށް ޕާޓީގެ ކަންކަމުގައި އަޑުއުފުލޭނެ ގޮތްތަކެއް މިހާރަށް ވުރެ ބޮޑަށް ހަމަޖައްސަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ޕާޓީގެ މައި އޮފީހާ ގޮފިތަކުގެ ގުޅުން މިހާރަށް ވުރެ ވަރުގަދަކުރުމަށްޓަކައި މަހަކު އެއްފަހަރު ޕާޓީގެ ދާއިރާތަކުގެ ހިންގާ ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް އޭނާ މަސައްކަތް ކުރައްވާނެ ކަމަށެވެ. އޭރުން މެންބަރުންގެ ހުރި ކަންބޮޑުވުންތައް ޗެއާޕާސަނާ ހިއްސާކުރެވޭނެ ފަސޭހަ ގޮތެއް ހަމަޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކެމްޕޭން ކުރައްވަނީ އެމްޑީޕީ "ހިންގާލަން" ޝިއާރުގެ ދަށުންނެވެ. އެމްޑީޕީ ހިންގަން ޖެހޭ ވަރާ ގާތަށް ވެސް އެ ޕާޓީ ހިންގަމުން ނުދާ ކަމަށް ފައްޔާޒު ގެންދަަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ފައްޔާޒުއާ ވާދަކުރައްވާ އިމްތިޔާޒު ފަހްމީ ވެސް ވަނީ އޭނާއަށް މަގާމު ލިބިވަޑައިގެންފިނަމަ ބައެއް ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމްޑީޕީ، އެ ޕާޓީގެ އަސްލު ގޮތުގައި ހިންގަވާނެ ކަމަށްވެސް އިމްތިޔާޒު ވިދާޅުވެފައިވެ އެވެ.