ފައްޔާޒް އިސްމާއީލް

ފެންނަނީ ވޯޓު އޮޅުވާލަން އުޅޭ މަންޒަރު: ފައްޔާޒު

ދައުލަތުގެ ނިޒާމު ގެއްލި ވިރާސީ ވެރިކަމަކަށް ބަދަލުކޮށް ރައްޔިތުންލާ ވޯޓު އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބު އެއްބުރުން ނިމޭ ގޮތް ހަދަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އަހާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވުމާ ގުޅިން އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ޕްރިފަރެންޝަލް ވޯޓިން (އިސްކަންދޭ ތަރުތީބުން ވޯޓުދޭ) ސިސްޓަމްގެ ތެރެއިން ރިޔާސީ އިންތިހާބު އެއްބުރުން ނިމޭ ގޮތް ހަދަން އުޅުމަކީ ނުބައި ސިގްނަލެއް ކަމަށެވެ.

ފައްޔާޒު ވިދާޅުވީ މިހާރު ދައުލަތުގެ ނިޒާމު ގެއްލި ފެންނަމުން މިދަނީ ވިރާސީ ވެރިކަމަކަށް ބަދަލުކޮށް ރައްޔިތުންލާ ވޯޓު އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށެވެ. މީގެ ބޭނުމަކީ ވެރިކަމުގައި ތިބެ ބާރާ ނުފޫޒުގެ ތެރެއިން ވެރިކަމާއި ރައްޔިތުންގެ މަޖިލިސް އެއްކޮލުން ކަމަށްވެސް ފައްޔާޒު ތުހުމަތުކުރެއްވި އެވެ.

"ފެންނަމުން މިދަނީ ފާރަވެރި ދައުލަތުގެ ނިޒާމު ގެއްލި ވެރިކަމުގައި ތިބެ ބާރާ ނުފޫޒުގެ ތެރެއިން ވެރިކަމާއި ރައްޔިތުންގެ މަޖިލިސް އެއްކޮލަން އުޅޭ މަންޒަރު،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ބޭނުމަކީ ވެރިކަމުގައި އޮވެ، ވޯޓު ފޮށިތައް އަނެއްކާވެސް މާލެއަށް ގެނެސް އޮޅުވާލާނެ ނިޒާމަށް އަނބުރާ ދިއުން ކަމަށެވެ.

"އަޅުގަނޑުމެން އެގޮތެއް އެ ނިޒާމެއް ބަލައެއް ނުގަންނާނަން،" ފައްޔާޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދެވަނަ ބުރަކަށް ދާ ހާލަތުގައި އިހްތިޔާރު ކުރާނެ ފަރާތެއް ފުރަތަމަ ބުރުގައި ކަނޑައެޅޭ ގޮތަށް ވޯޓުލެވޭ ގޮތް ހެދުން މާ މުހިއްމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އެޓާނީ ޖެނެރަލްއާ ހަވާލުކޮށްގެން އެކަމުގެ ދިރާސާ މިހާރު ކުރަމުންދާ ކަމަށާއި އެއީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ކަމަށްވާނަމަ މަޖިލިސް މެދުވެރިކޮށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެކަމުގައި އަހާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.