ފައްޔާޒް އިސްމާއީލް

ރައީސް މުއިއްޒުގެ ނާގާބިލް ކަމާ ހެދި ލަދުގަނޭ: ފައްޔާޒު

ގައުމަށް އިއްޔެ އަކީ ލަދުވެތި ދުވަހެއް ކަމަށާއި ވަކިން ހާއްސަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަހަލަ ނާގާބިލް ވެރިޔަކު ލިބުނީތީ މިއަދު ލަދުގަންނަ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިހެން ވިދާޅުވެފައި މިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު ބީއެމްއެލްގެ ދިވެހި ރުފިޔާ އެކައުންޓްތަކުން އެމެރިކާ ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތް ހަދައި އަދި ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކޮށް ބީއެމްއެލް އިން ނިންމި ނިންމުމަށްފަހު ހިނގާދިޔަ ބައެއް ކަންކަމަކީ ބަޣާވާތެއް ކަމަށް ތުހުމަތުކޮށް ފުލުހުން މައްސަލަ ތަހުގީގުކުރަމުން ދަނިކޮށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ފުލުހުންގެ އިދާރާއިން ތުހުމަތުކުރާ ގޮތުގައި ބީއެމްއެލްގެ ނިންމުމާއި އިދިކޮޅު އެމްޑީޕީގެ އިސްވެރިންނާ ގުޅުމެއްވެ އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ފައްޔާޒު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ގައުމުގައި ހުރި އިގްތިސާދީ މައްސަލަތައް ހައްލުކުރަން ނިމިދިޔަ އެމްޑީޕީގެ ސަރުކާރަށް ނޭނގެނީ ކަމަށް ވިދާޅުވެ އެކަންކަން ވަރަށް ފަސޭހައިން ހައްލުކުރައްވާނެކަމާއި މާބޮޑު ދައްޗެއް ނެތް ކަމަށް ވިދާޅުވަމުން ކަމަށެވެ.

ފައްޔާޒު ވިދާޅުވީ މިވެރިކަމަށް ނުވަ މަސް ދުވަސް ވެގެން ދިޔައިރު މިއަދު ފެންނަނީ ރައީސް މުއިއްޒާއި މިސަރުކާރުގެ ނާގާބިލް ކަމުންނާއި ދޮގު ހަދާ އޮޅުވާލަމުންދާތީ ގައުމުގެ އިގްތިސާދު ވަރަށް ނާޒުކު ހާލަތަކަށް ވެއްޓިފައި އޮތް މަންޒަރު ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުން ހޯދި އިގްތިސާދީ ކުރިއެރުންތައްވެސް ފަހަތަށްދާ މަންޒަރު ފެންނަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"އެއަށްވުރެ ބޮޑު ކަންބޮޑުވުމެއް އަޅުގަނޑުމެންނަށް އޮތީ. ހަގީގަތުގައި މިވާއެއް ނުވާއެއް ތަނެއް ދޮރެއް ދޮރާށްޓެއް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށް އަޅުގަނޑުމެންނަށް ފާހަގަވެގެންދާތީ. އިއްޔެގައި އިއްޔެގައި އެއީ ލަދުވެތި ދުވަހެއް. މިވޭތުވެދިޔަ ދިވެހިރާއްޖޭގެ ދިގު ތާރީހުގައި މިލަދުވެތި ދުވަހެއް. ދިވެހިރާއްޖޭގެ ވެރިޔަކު ދިވެހި ސަރުކާރަކުން ނިކުމެ މާލީ ބަޣާވާތެއް ގެންނަން އުޅެނީއޭ ކިޔައިގެން ދެއްކި ވާހަކައަކީ އަޅުގަނޑުމެން މިތާ ތިބެގެން އަޅުގަނޑުމެން ދައްކަންވެސް ލަދުގަންނަވަރުގެ ވާހަކައެއް،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް މުއިއްޒަށް ހެއްދެވުނު ގޯސްތައް އެހެން ގޮތަކަށް އަނބުރާ ލެއްވުމަށްޓަކައި ރާއްޖޭގެ ގައުމީ ބޭންކަށް ކުރި ބޮޑު ތުހުމަތަކީ އެގޮތަށް ދައްކަވަން ހެޔޮ ނުވާވަރުގެ ވާހަކައެއް ކަމަށެވެ. ބީއެމްއެލްގެ ނިންމުމަކީ ބަޣާވާތެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވި ވަގުތު އެކަމާ ގުޅޭ ބަޔާނެއް ފުލުހުންގެ އިދާރާ އިން ނެރެ މައްސަލަ ތަހުގީގުކުރާނެ ކަމަށް ބުނުމަކީ ރައީސް މުއިއްޒުގެ ނުފޫޒު ފުލުހުންގެ މައްޗަށް އޮތް މިންވަރު އަންގައިދޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

އާދެ ވަރަށް ލަދުވެތި ދުވަހެއް އިއްޔެއަކީ. އަޅުގަނޑުމެން ދިވެހިންގެ ހައިސިއްޔަތުން އެހާ ނާގާބިލް ވެރިޔަކު އަޅުގަނޑުމެންނަށް މިއަދު ލިބިފައި ހުރީމާ ލަދުގަންނަ ހިސާބަށް މިއަދު މިދިޔައީ
ފައްޔާޒު އިސްމާއީލް | އެމްޑީޕީގެ ޗެއާޕާސަން

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރު ކަންވެސް ކުރައްވާފައިވާ ފައްޔާޒު ވިދާޅުވީ ބީއެމްއެލްއަށް ރައީސް މުއިއްޒު ކުރެއްވި ބޮޑު ތުހުމަތާ ގުޅިގެން ކަންބޮޑުވާންޖެހޭ އިތުރު މައްސަލައެއް ނިކުންނާނެ ކަމަށެވެ. ސަރުކާރުގެ ހިންގާ ބޭފުޅުންގެ ތެރޭގައި މައްސަލަތަކެއް ހުރިކަން އެނގިއްޖެ ކަމަށާއި އެހެންވެ ގޯހުން ގޯހަށް މިދާ މައްސަލަތައް ރަނގަޅުކޮށް މުޅި މައްސަލަ ހައްލުކުރެވިދާނެ ކަމާ ދޭތެރޭ ބޮޑެތި ސުވާލުތައް އެބަހުރި ކަމަށްވެސް ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ބީއެމްއެލް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި މަނީލޯންޑަރިންގެ ބޮޑު މައްސަލަތަކާ ގުޅިގެން ދުނިޔޭގެ އެކި ބޭންކްތަކުން ފައިސާ ފޮނުވުމާއި ލިބުމުގައި މައްސަލަތަކެއް އޭރުވެސް ދިމާވި ބޭންކެއް ކަމަށެވެ. އަނެއްކާވެސް ގައުމުގެ ރައީސުލްޖުމްހޫރިއްޔާ ނިކުންނަވާ ބީއެމްއެލް އިން މާލީ ބަޣާވާތެއް ގެންނަން އުޅުނު ކަމަށް ބުނުމަކީ ބީއެމްއެލްއަށް ކުރިން ދިމާވި މައްސަލަ އަލުން ދިމާވެދާނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ކަންބޮޑުވުން އޮތީ މިއާ ގުޅިގެން އަނެއްކާ އިންޓަނޭޝަނަލް ފައިނޭންޝަލް ސިސްޓަމްގެ ތެރެއިން ބީއެމްއެލްގެ ކްލިއަރިން ބޭންކުގެ މިހާރު އޮތް ބޭންކްވެސް ގެއްލިގެން ގޮސްދާނެތީ،" ފައްޔާޒު ވިދާޅުވި އެވެ.