ހަބަރު

ޖިންސީ އަނިޔާ ލިބުނު މީހާގެ އޮޕަރޭޝަން ނުކުރެވޭނެ ކަމަށް ބޭރު ޑޮކްޓަރުން ބުނި: އާއިލާ

ފިރިމީހާގެ ފަރާތުން ސީރިއަސް ޖިންސީ އަނިޔާތަކެއް ލިބުމުގެ ސަބަބުން، އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ އަންހެންމީހާގެ ހާލު ސީރިއަސްކަމުން އޭނާގެ ސިކުނޑީގެ އޮޕަރޭޝަން ކުރެވެން ނެތް ކަމަށް، އެ އޮޕަރޭޝަން ކުރަން އިންޑިއާއިން އައި ޑޮކްޓަރުން ބުނި ކަމަށް އާއިލާއިން ބުނެފި އެވެ.

ފިރިމީހާގެ ފަރާތުން ގިނަ ދުވަސްތަކެއް ވަންދެން ލިބުނު ޖިންސީ އަނިޔާތަކެއް ސިއްރުކުރުމުގެ ސަބަބުން ޒަހަމްތަކުގައި އިންފެކްޝަން ހެދި އަންހެންމީހާގެ ހާލަތު ގޯސްވުމާ ގުޅިގެން އޭނާ އައިޖީއެމްއެޗްގައި އެޑްމިޓްކުރީ މީގެ ދެ ހަފުތާއެއްހައި ދުވަސް ކުރިންނެވެ. އޭގެ ފަހުން މިހާތަނަށް ވެސް އެ އަންހެންމީހާ ބާއްވާފައިއޮތީ އައިސީޔޫގައި ވެންޓިލޭޓާ ގުޅާފަ އެވެ. އޭނާއަށް ލިބުނު އަނިޔާތަކުގެ ސަބަބުން ސިކުނޑިއަށް ލޭ އެޅިފައިވާތީ ވީހާވެސް އަވަހަށް ސިކުނޑީގެ އޮޕަރޭޝަނެއް ވެސް ކުރަންޖެހޭ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.

އަންހެންމީހާގެ އާއިލާގެ ފަރާތުން "އަވަސް" އާ ވާހަކަދެއްކި މީހަކު ބުނީ، އަންހެންމީހާގެ ސިކުނޑިއަށް ލޭއެޅިފައިވާތީއާ ހާލު ސީރިއަސްކަމުން އެ އޮޕަރޭޝަން ކުރުމަށް އިއްޔެ މެންދުރުގެ ވަގުތެއްގައި އިންޑިއާއިން ޑޮކްޓަރުން އައިކަމަށެވެ. ނަމަވެސް އަންހެންމީހާގެ ސިއްހީ ހާލަތު މޮނިޓާކުރުމަށްފަހު އޮޕަރޭޝަން ކުރެވޭވަރަށްވުރެ އޭނާގެ ސިކުނޑި ބަލިކަށިވެފައިވާ ކަމަށް ޑޮކްޓަރުުން ބުނިކަމަށާއި އެހެން ވުމުން އޮޕަރޭޝަން ނުކުރެވޭނެ ކަމަށް އެ ޑޮކްޓަރުން ބުނި ކަމަށްވެސް އެ މީހާ ބުންޏެވެ.

އޭނާ ބުނީ، އޮޕަރޭޝަން ކުރެވޭ ހާލަތަކަށް އަންހެންމީހާ ގެނެވޭތޯ ދުވަސްކޮޅަކަށް މަޑުކުރާނެ ކަމަށް ޑޮކްޓަރުން ނުބުނާ ކަމަށެވެ. އިއްޔެ އާ މިއަދު ކުރި މަސައްކަތުން އޮޕަރޭޝަން ކުރެވިދާނެ ކުޑަވެސް ޗާންސެއް ނެތުމުން ޑޮކްޓަރުން މާޔޫސްވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

".. އޮޕަރޭޝަނަށް އައީ އަޅުގަނޑަށް ހީވާ ގޮތުން ދެ ޑޮކްޓަރަކު ބޭރުން. އެބޭފުޅުންނާއެކު ރާއްޖޭގެ ޑޮކްޓަރުންވެސް މިކަމުގައި އުޅުއްވާ. އެބޭފުޅުން (އަންހެންމީހާގެ ނަން) މޮނިޓާކުރެއްވުމަށްފަހު ވިދާޅުވީ ސިކުނޑި ވަރަށް ބަލިކަށްޓޭ. 10 ވަރަކަށް ދުވަހަށް ބަލާނެ ކަމަށް ޑޮކްޓަރުން ބުނިހެނެއް އަޅުގަނޑަކަށް ހިއެއް ނުވޭ. އަދި ނިންމާފައި އޮތީ މިވަގުތަށް އޮޕަރޭޝަން ނުކުރަން. އެނޫން އެއްވެސް އެއްޗެއް ޑޮކްޓަރުން ނުބުނޭ. ވެންޓިލޭޓަރުގެ އެހީގައި މިހާރުވެސް އެ އޮތީ،" އާއިލާގެ ގާތް އަންހެންމީހާ ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި އާއިލާއަށް ދިމާވެފައިވާ މި ހިތާމަވެރި ދަނޑިވަޅުގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން ވަރަށް ބޮޑު ހިއްވަރެއް އާއިލާއަށް ދަނީ ލިބެމުންނެވެ. އަންހެންމީހާގެ ކުދިންނަށް ކޮންމެ ދުވަހަކުވެސް ގުޅައި ހާލު ބަލާ ކަމަށާއި، އައިޖީއެމްއެޗަށް ގޮސް އަންހެންމީހާގެ ހާލުވެސް ޖެންޑާއިން ބަލަމުންދާ ކަމަށް އޭނާ ބުންޏެވެ.

އަންހެންމީހާއަށް ނުރައްކާތެރި އަނިޔާތަކެއް ދިނުމުގެ ތުހުމަތުގައި، ފުލުހުން ވަނީ އޭނާގެ ފިރިމީހާ ހައްޔަރުކޮށްފައެވެ. ގދ ތިނަދޫއަށް ނިސްބަތްވާ އެ ފިރިހެން މީހާގެ މައްޗަށް، އޭނާގެ އަނބިމީހާއަށް އަނިޔާ ކުރުމުގައި ތޫނު އެއްޗެހި ބޭނުން ކޮށްފައިވާކަމަށް ތުހުމަތުކޮށްފައިވެ އެވެ. އޭނާގެ ބަންދުގެ މުއްދަތަށް ދެވަނަ ފަހަރަށް ހަތް ދުވަސް ޖެހީ މިދިޔަ ހަފުތާގަ އެވެ.

އަންހެންމީހާއަށް ލިބިފައިވާ ޖިންސީ އަނިޔާތައް ގޯސްވެ، ހަށިގަނޑުގައި އިންފެކްޝަން އުފެދުމުގެ ސަބަބުން އޭނާގެ ސިކުނޑީގެ އިތުރަށް ފުއްޕާމެއަށްވެސް އަސަރުކޮށޤފައިވާ ކަމަށް އައިޖީއެމްއެޗް އިން ވަނީ ބުނެފަ އެވެ.