ދިރާގު

ދިރާގު ހިއްސާދާރުންނަށް 6.20ރ. ބަހަން ފާސްކޮށްފި

Mar 25, 2022

ދިރާގު ހިއްސާދާރުންނަށް މިދިޔަ އަހަރުގެ ފައިދާއިން 6.20ރ. ބަހަން އެ ކުންފުނިން ފާސްކޮށްފި އެވެ.

ދިރާގުން ކްރޮސްރޯޑުގައި ބޭއްވި އަހަރީ އާއްމު ޖަލްސާގައި ވަނީ މުޅި އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 6.20 ރުފިޔާ ޑިވިޑެންޑްގެ ގޮތުގައި ބަހަން ނިންމާފަ އެވެ. މުޅި އަހަރުގެ ޑިވިޑެންޑް ބިނާވެގެންވަނީ 33 ވަނަ އޭޖީއެމް އަށް ބޯޑުން ހުށަހަޅާފައިވާ ފައިދާއިން ހިއްސާއަކަށް 4.13 ރުފިޔާގެ ފައިނަލް ޑިވިޑެންޑްއާއި މި އަހަރުގެ ކުރީކޮޅު އިއުލާން ކޮށްފައިވައި ހިއްސާ އަކަށް 2.07 ރުފިޔާގެ އިންޓެރިމް ޑިވިޑެންޑް ހިމެނޭގޮތަށެވެ. އަދި މިދިޔަ އަހަރުގެ ޑިވިޑެންޓްއަކީ 2020 ވަނަ އަހަރާއި އަޅާކިޔާއިރު ހިއްސާއަކަށް 1.03 ރުފިޔާ މަދު އަދަދެކެވެ.


ދިރާގުން ރޭ ބޭއްވި 33 ވަނަ އަހަރީ އާންމު ޖަލްސާގައި 85 ހިއްސާދާރުންނާއެކު 71,369,648 ހިއްސާ ތަމްސީލުކޮށް، ހުށަހަޅާފައިވާ ފަސް ރިޒޮލިއުޝަންއެއް ފުރިހަމަ އަޣްލަބިއްޔަތުން ވަނީ ފާސްވެފަ އެވެ.
ދިރާގުން ވަނީ އެ ކުންފުނީގެ އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރަކަށް އަހްމަދު މުހައްމަދު ދީދީ ވަނީ ހޮވާފަ އެވެ.

ދިރާގަށް 2021 ވަނަ އަހަރު ކުންފުނީގެ ޖުމްލަ އާމްދަނީ އަށް 2.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މީ 2020 ވަނަ އަހަރާއި އަޅާކިޔާއިރު، 1.8 ޕަސެންޓް މަތީ އަދަދެކެވެ. ކުންފުނީގެ މުހިންމު ވިޔަފާރިތަކަށް ބަލާއިރު އެންމެ ބޮޑު އާންމުދަނީއެއް ލިބިފައިވަނީ ފިކްސްޑް ބުރޯޑްބޭންޑް އަދި އެންޓަޕްރައިޒް ހިދުމަތުންނެވެ. މި ކުރިއެރުމުގެ އެންމެ ބޮޑު ނަތީޖާއަކީ ރާއްޖޭގެ އިޤްތިސާދު ހީނަރުކަމުން އަރައިގަތުމުގެ ދަތުރު ފަށާފައިވުމާއި، ފަތުރުވެރިކަމުގެ ސިނާޢަތް ރަނގަޅުވަމުން އައުމުގެ ސަބަބުންނެވެ. މިދިޔަ އަހަރު ޓެކްސް އުނިކުރުމަށްފަހު ޖެހޭ ސާފު ފައިދާގެ ގޮތުގައި 813 މިލިއަން ރުފިޔާ ލިބިފައިވީއިރު، މިއީ 2020 ވަނަ އަހަރާއި އަޅާކިޔާއިރު 11 ޕަސެންޓް މަތީ އަދަދެކެވެ.

ދިރާގުން ބުނީ ކުންފުނީގެ މާލީ ޙާލަތަށް ރިޢާޔަތްކުރުމާއެކީގައި، ޑިޓެކްޓަރުންގެ ބޯޑުން ހުށަހަޅައި ކޮވިޑޮ-19 ގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކަށްފަހު 2021 ވަނަ އަހަރު ވެގެންދިޔައީ ރިކަވަރީގެ އަހަރެއް ކަމަށެވެ. ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ހޯދައިދިނުމަށާއި، ޑިޖިޓަލް ހަމަހަމަކަން ކުރިއަރުވާ، ޑިޖިޓަލް ފަރަގު ނައްތާލަން ގިނަ މަސައްކަތްތަކަކާއި އިންވެސްޓްމެންޓު ތަކެއް ވަނީ ކުރެވިފަ އެވެ.

ގޭބިސީތަކަށް ދޭ އިންޓަނެޓްގެ ހިދުމަތާއި މޯބައިލް ޑޭޓާގެ އަގު ހެޔޮކުރުމަށް ސަރުކާރުން ފަށާފައިވާ "ނެޓްހެޔޮ" ސިޔާސަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، ބްރޯޑްބޭންޑް އަދި މޯބައިލް ޑޭޓާ ޕޯޓްފޯލިއޯ އަށް ބޮޑެތި ހެޔޮ ބަދަލުތަކެއްވާނީ ގެނެވިފަ އެވެ. ނަތީޖާއެއްގެ ގޮތުން ކުންފުނީގެ މާލީ ހާލަތުވަނީ ރަނގަޅުވެފަ އެވެ. އަދި ޓެލެކޮމިއުނިކޭޝަންސް ހިދުމަތުގެ ތަރައްގީއަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، 2021 ވަނަ އަހަރު ދުނިޔޭގެ ވަރުގަދަ މުޢާސަލާތީ އަދި ޓެކްނޮލޮޖީ، 13 ކުންފުންޏެއް ހިމެނޭ ކޮންސޯޓިއަމްއާއި ގުޅި، ރާއްޖެ ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމާ ގުޅާލުމަށް އެއްބަސްވުމެއްގައި ސޮއިކޮށް އެ މަސައްކަތް އަމަލީ ގޮތުންވަނީ ފަށާފަ އެވެ. ޑިޖިޓަލް ހިދުމަތްތަކަށް ބޭނުންވެފައިވައި މިންވަރު އިތުރުވަމުންދާ މި ދަނޑިވަޅުގައި، މި ސަބްމެރިން ކޭބަލް ސިސްޓަމްގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓަރްކްޗާ އިތުރަށް ވަރުގަދަވެ ބައިނަލްއަގުވާމީ ޑިޖިޓަލް ހަބަކަށް ވުމަށް އިތުރު ބާރެއްލިބިގެންދާނެ އެވެ.