ރައީސް އަބްދުﷲ ޔާމީން

ޔާމީން ފެނިވަޑައިނުގަތީ ސެކިއުރިޓީ ހުއްދަ ނުލިބުމުން

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ "ނޭވާހޮޅިއަށް" ނަމުގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ހަރަކާތުގައި ކުރީގެ ރަައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިނުގެންނެވީ އެމަނިކުފާނަށް ސެކިއުރިޓީ އަރުވާ ބޭފުޅުން އެކަމަށް ހުއްދަ ނުދެއްވުމުން ކަމަށް ޕީޕީއެމުން ބުނެފި އެވެ. ކުރީގެ ރައީސެއްގެ ހައިސިއްޔަތުން އެމަނިކުފާނަށް ސެކިއުރިޓީ އަރުވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ނެވެ.

މިނިވަންވެވަޑައިގެންނެވި ފަހުން އަތޮޅުތެރޭގައި ބޭއްވި "އިންޑިއާ އައުޓް"ގެ ކޮންމެ ރެލީއެއް ލީޑުކުރައްވަނީ ސީދާ ރައީސް ޔާމީނެވެ. ނަމަވެސް މިއަދު މާލޭގައި ބޭއްވި ހަރަކާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އެކަމާއި ގުޅިގެން ރައީސް ޔާމީނަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

އެކަމާއި ގުޅިގެން އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ މިއަދު މާލޭގައި އޮތް އިހުތިޖާޖު ލީޑުކުރައްވަންވެސް ހަމަޖެހިފައި އޮތީ ރައީސް ޔާމީން ކަމަށެވެ. ނަމަވެސް އެ ހަރަކާތަށް ވަޑައިގެންނެވުމަށް ސިފައިން ހުއްދަ ނުދެއްވި ކަމަށެވެ.

"ރައީސް ޔާމީނަކީ އުސޫލުތަކަށް އިހުތިރާމު ކުރައްވާނެ ލީޑަރެއް. ކުރީގެ ރައީސެއްގެ ހައިސިއްޔަތުން އެމަނިކުފާނުގެ ސެކިއުރިޓީ ބަލަހައްޓަވަނީ ދިވެހި ސިފައިން. ދިވެހި ސިފައިންގެ އިރުޝާދާ އެއްގޮތަށް މީގެ ކުރީންވެސް 'އިންޑިއާ އައުޓް' ހަރަކާތްތަކުގައި އެމަަނިކުފާނު ބައިވެރިވެވަޑައިގެންނެވީ. ނަމަވެސް މިއަދުގެ ހަރަކާތަށް ސެކިއުރިޓީން ހުއްދައެއް ނުދެއްވި. ހުއްދަ ދެއްވިނަމަ މިއަދުގެ ހަރާކަތަށް ވަޑައިގެން އެހެން ހަރަކާތްތަކެކޭ އެއްގޮތަށް ލީޑުވެސް ކުރައްވާނެ،" ހީނާ ވިދާޅުވިއެވެ.

ޖަލުން މިނިވަންވެވަޑައިގެންނެވި ފަހުން ރައީސް ޔާމީން ވަޑައިގެންނެވި ކޮންމެ ރަށަކަށް ވަޑައިގެންނެވީ "އިންޑިއާ އައުޓް" ހަރަކާތަށާއި ބައެއް ކެމްޕެއިން ހަރަކާތްތަކަށެވެ. އެއިން ކޮންމެ ރަށަކަށް ވަޑައިގަންނަވާއިރު އަރިހުގައި ސެކިއުރިޓީން ތިއްބަވައެވެ.

މިއަދުގެ ހަރަކާތް ފެށުމުގެ މާކުރީން ފުލުހުން ވަނީ ހަރަކާތް ގާނޫނާއި ހިލާފު ކަމަށާ އެ ހަރަކާތް ހުއްޓުވާނެ ކަމަށް ބުނެފައެވެ. ހަރަކާތް ފެށުމުގެ ދެ ދުވަސް ކުރީން ޕީޕީއެމް އާއި ޕީއެންސީއަށް އަމާޒުކޮށް ބޮޑެތި ތުހުމަތުތަކެއް އަމާޒުކޮށް ފުލުހުން ބަޔާނެއްވެސް ނެރުނެވެ. މިއަދުގެ ހަރަކާތުން 11 މީހަކު ހައްޔަރުކޮށްފައިވާއިރު އިހުތިޖާޖު ރޫޅާލަން ބާރުގެ ބޭނުންވެސް ކޮށްފައިވެއެވެ.