އަބްދުﷲ ޝާހިދު

މަގުތައް ރައްކާތެރިކުރަން ޖަމިއްޔާތަކުގެ ދައުރު މުހިއްމު: ޝާހިދު

Mar 25, 2022

މަގުތަކުގެ ރައްކާތެރިކަން ޔަގީންކުރުމަށްޓަކައި މަދަނީ ޖަމުއިއްޔާތަކަށް މުހިއްމު ދައުރެއް އަދާކުރެވިދާނެ ކަމަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ މަގުތަކުގެ ރައްކާތެރިކަން ހޯދައިދިނުމަށް އަޑުއުފުލަމުންދާ "ގްލޯބަލް މީޓިން އޮފް އެންޖީއޯސް"ގެ ހަތްވަނަ ބައްދަލުވުމަށް ފޮނުއްވި ބަޔާނުގަ އެވެ.

ޝާހިދު ވިދާޅުވީ މަގުތަކުގެ ރައްކާތެރިކަން ޔަގީންކޮށްދިނުމަށް މަސައްކަތް ކުރުމަކީ އަސާސީ ކަމަކަށް ވާންޖެހޭނެ ކަމަށެވެ. މެދު ފަންތީގެ ގައުމުތަކާއި އެންމެ ނިިކަމެތި ގައުމުތަކުގައި ހިނގާފައިވާ އެކްސިޑެންޓްތަކަށް ބަލާއިރު މަރުވާ މީހުންގެ 93 ޕަސަންޓް މީހުންނަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުން ނުވަތަ ކުޑަކުދިން ކަމަށްވާތީ އެކަމުގައި ޝާހިދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"މިފަދަ އެކްސިޑެންޓްތަކާ ގުޅިގެން ފަގީރުން އިތުރަށް ފަގީރުވުމާއި ދިރިއުޅުން މުޅިން ބަދަލުވާ ހާލަތްތައް މެދުވެރިވެގެންދޭ،" ޝާހިދު ވިދާޅުވި އެވެ.

ތަފާސްހިސާބުތަކާ ހަވާލާދީ ޝާހިދު ވިދާޅުވީ 1.3 މިލިއަން މީހުން ކޮންމެ އަހަރަކު ވެސް މަރުވަނީ މަގުމަތީގެ އެކްސިޑެންޓްތަކުގައި ކަމަށެވެ. އެކަމާ ގުޅިގެން ގައުމުތަކުގެ ޖީޑީޕީއަށް ލިބޭ ގެއްލުން ބޮޑު ކަމުގައިވެސް ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މަގުމަތީގެ އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި ބަދަލުކުރަންޖެހޭ ކަންކަން ބަދަލުކޮށްގެން ވެސް ހައްލު ހޯދަންޖެހޭ ކަމަށެވެ. އެ މަގުސަދާ އެއްގޮތަށް އަމާޒަށް ދަތުރުކުރެވޭނީ އެންމެން ގުޅިގެން ކުރާ ހަރުދަނާ މަސައްކަތްތަކެއް ތެރެއިން ކަމަށްވެސް ވިދާޅުވި އެވެ.

"މިކަމުގައި އެންމެ މުހިއްމު މަސައްކަތެއް ކުރެވޭނީ މަދަނީ ޖަމިއްޔާތަކަށް. މީހުންގެ ވިސްނުން ބަދަލުކުރުމާއި ހޭލުންތެރި ކުރުމަށް އެންޖީއޯތަކަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ،" ޝާހިދު ވިދާޅުވި އެވެ.

އދ. އިން މިހާރު ގެންދަނީ މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން އދގެ އާއްމު މަޖިލީހުގެ ފަރާތުން ބާއްވާ މަތީ ފެންވަރުގެ ބައްދަލުވުމެއް އަންނަ ޖޫން މަހު ބޭއްވުމަށް ތައްޔާރު ވަމުންނެވެ.