އަބްދުﷲ ޝާހިދު

ޝާހިދު، ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

Mar 5, 2022

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ފުލުހުންގެ އިސްވެރިން މިހާރު އެމެރިކާ އަށް ކުރައްވާ ދަތުރުފުޅުގައި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުވުން އިއްޔެގެ ވަގުތެއްގައި ކުރިއަށް ދިޔައީ ނިއުޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގަ އެވެ.

މިބައްދަލުވުމުގައި ސީޕީ ހަމީދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލްމަންނާން ޔޫސުފާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒާއި ފުލުހުންގެ އިންޓެލިޖެންސް ވެރިޔާގެ އިތުރުން އިސް އެހެން ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިބައްދަލުވުމަށްފަހު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ އިސްވެރިން އެމެރިކާއަށް ކުރައްވާ ދަތުރުފުޅަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި އެމެރިކާއާ ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ފުލުހުންގެ އިސްވެރިން އެމެރިކާ އަށް ކުރައްވާ މިދަތުރުފުޅަކީ އެ ގައުމުގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ ރަސްމީ ދަތުރުފުޅުތަކުގެ މައުލޫމާތު ފުލުހުން މީގެކުރިން ހާމަކުރަމުން ގެންދިޔަ ނަމަވެސް ސީޕީ ހަމީދު އެމެރިކާ އަށް ކުރައްވާ ދަތުރުފުޅުގެ އެއްވެސް މައުލޫމާތެއް ފުލުހުންގެ އިދާރާ އިން ހާމަކޮށްފައެއް ނުވެ އެވެ.