ރިސޯޓް

މާލެ އަތޮޅު ފަޅެއްގައި ހެދި ލޯބިގިލި ރިސޯޓް ހުޅުވައިފި

މާލެ އަތޮޅު ފަޅެއް ހިއްކައިގެން ތަރައްގީ ކުރި އޮބްލޫ ސިލެކްޓް ލޯބިގިލި ރިސޯޓް ހުޅުވައިފި އެވެ.

މަޝްހޫރު ޓޫރިޒަމް ކުންފުނި އެޓްމޮސްފިއާގެ "ކަލާ އޮފް ބްލޫ" ކޮންސެޕްޓުގައި ހުޅުވި އޮބްލޫ ބްރޭންޑުގެ ހަދާފައިވަނީ މޫދު ވިލާއާއި ބީޗް ވިލާ ހިމެނޭ ގޮތަށް 68 ވިލާ ހިމަނައިގެންނެވެ. މި ތަނުގެ ގިނަ އަދަދެއްގެ ރެސްޓޯރެންޓްތަކާއި ސްޕާ ވެސް ހުރެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލެ އަތޮޅު ފަޅު ހިއްކައިގެން ރިސޯޓު ހަދަން ދޫކުރި ފަޅުތަކުގެ ތެރެއިން ފަޅެއްގައި ހުޅުވާ މި ރިސޯޓު ހަދާފައިވަނީ ބްރިޖަކުން އިތުރު ރިސޯޓަކާ ގުޅާލައިގެންނެވެ. ނަމަވެސް އެ ރިސޯޓު ހުޅުވަނީ މި އަހަރުގެ ފަހުކޮޅެވެ. މި ރިސޯޓުގައި ހުރި ހާއްސަ ސިފަތަކުގެ ތެރޭގައި ރިސޯޓުގައި މޫދު އަޑީގައި ހަދާފައިވާ ރެސްޓޯރެންޓް ހިމެނެ އެވެ. މީގެ އިތުރުން މި ރިސޯޓުގެ އެކި ހިސާބުތަކުގައި 17 ގާޑިއާއެއް ބަހައްޓާފައިވެ އެވެ. މި ތަންތަން ފަރުމާކޮށްފައިވަނީ ދިވެހިން ކެއުމުުގައި ބޭނުންކުރާ ލުއި ކާނާ ވެސް ލިބޭ ގޮތަށެވެ.

އެޓްމޮސްފިއާގެ ކުންފުނިން ރާއްޖޭގައި ހަ ރިސޯޓެއް ހިންގަމުންދެ އެވެ. މިހާރު ހިންގާ ރިސޯޓުތަކުގެ ތެރެއިން އޮބްލޫ ސިލެކްޓް އެކްސްޕީރިއަންސް އަލިފުށި ނަމުގައި ވެސް ރިސޯޓެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ރިސޯޓު ހުޅުވަން ތައްޔާރު ވަނީ މި އަހަރުގެ މެއި މަހު އެވެ.