އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް،

ރައީސް ސޯލިހް އިކްއިޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައިފި

Mar 27, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ދެކަނބަލުން އައްޑޫ ސިޓީ އަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖޭގެ ދެކުނުގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލް -- އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ޒިޔާރާތް ކުރައްވާ އެ ތަނުގެ ހާލަތު ބައްލަވާލައްވައިފި އެވެ.

ރައީސް ސޯލިހާއި އަނބިކނަބަލުން މެޑަމް ފަޒުނާ އަހްމަދު ހޮސްޕިޓަލަށް ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ އޭއީއެޗްގެ ސީއީއޯ ޑރ. މުހައްމަދު ސޯލިހު އެވެ.

ރައީސް ސޯލިހް ހޮސްޕިޓަލަށް ކުރެއްވި ޒިޔާރާތުގައި އެތަނުގެ އިސްވެރިންނާއި އަދި މުވައްޒަފުންނާ ބައްދަލުކުރައްވާ ހޮސްޕިޓަލްގައި ލިބޭ ހިދުމަތްތަކާއ އިތުރަށް ތައާރަފްކުރަންވީ ހިދުމަތްތަކާއި މިވަގުތަށް ހުރި ގޮންޖެހުންތަކުގެ މައުލޫމާތު އޮޅުން ފިލުއްވި އެެވެ.

ހޮސްޕިޓަލްގެ ވެރިން ފާހަގަކުރެއްވި ކަންކަން ވީހާވެސް އަވަހަށް ހައްލުކުރެއްވުމުގެ ގޮތުން ކަމާ ގުޅޭ ބޭފުޅުންނާ މަޝްވަރާ ކުރެއްވުމަށްފަހު ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

އައްޑޫގެ ކައުންސިލަރުންނާ އެކު ރައީސް ސޯލިހް ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވެސް ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާ އެ މައްސަލަތައް ހައްލުކޮށްދިނުން އަވަސް ކުރެއްވުމަށް ރައީސް އަށް ދަންނަވާފަ އެވެ.

އައްޑޫ ސިޓީގެ ހިތަދޫގައި ކުރިން ހިންގި ސަރަހައްދީ ހޮސްޕިޓަލް އުވާލުމަށްފަހު އިކްއަޓޯރިއަލް ހޮސްޕިޓަލް ހުޅުވައި ހިދުމަތް ދޭން ފެށީ ޖެނުއަރީ 15، 2020 ގައެވެ. އިކްއަޓޯރިއަލް ހޮސްޕިޓަލް ހަދާ އެތަނުގައި ވަސީލަތްތައް ގާއިމުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.