އައްޑޫ ސިޓީ

އައްޑޫ ވަލުތެރޭގައި ރޯވި އަލިފާންގަނޑު ފެތުރެނީ

Sep 7, 2022
1

އައްޑޫ ސީޓީ ހިތަދޫ ވަލުތެރޭގައި ވަރަށް ބޮޑަށް ރޯވެ އަލިފާންގަނޑު ފެތުރެން ފަށައިފި އެވެ.

އައްޑޫގައި ހުންނަ އިކުއިޓޯރިއަލް ހޮސްޕިޓަލާ ދިމާލު ވަލުތެރޭގައި އަލިފާން ރޯވާން ދިމާވި ވަކި ސަބަބެއް އަދި އެނގިފައެއް ނުވެ އެވެ.

އައްޑޫގެ ބައެއް މީހުން ބުނާ ގޮތުގައި ވަލުތެރޭގައި ބަޔަކު ވަނީ ރޯކޮށްލާފަ އެވެ.

އަލިފާންގަނޑު ފެތުރެމުން ދިޔަ ނަމަވެސް އަލިފާން ކޮންޓްރޯލް ކުރެވޭނެ ކަމަށް ކަމާ ގުޅޭ އިދާރާތަކުން ބުނެ އެވެ.

އައްޑޫން ވާހަކަ ދެއްކި ބައެއް މީހުން އަލިފާން ރޯވި ސަރަހައްދަކީ އާންމުން ދިރިއުޅޭ ސަރަހައްދަކަށް ނުވާތީ އަލިފާނުގެ ސަބަބުން އާމުންނަށް ސީދާ ގެއްލުމެއް ނުވާނެ އެވެ. ނަމަވެސް އެ ސަރަހައްދަކީ ހޮސްޕިޓަލް ކައިރިކަމުން އެތަނުގައި ތިބޭ ބަލި މީހުންނަށް ދުމުގެ އަސަރުކޮށްފާނެ ކަމަށް ބައެއް މީހުން ބުނެ އެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވެގެން އެ މައުލޫމާތު ހިއްސާކޮށްފައިވަނީ ހަވީރު 5:30 ހާއިރު ކަމަށެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ހިތަދޫ މާކިޅީގައި ރޯވެފައިވާ އަލިފާން ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފް އާއި ކައުންސިލްގެ ޕަބްލިކް ވޯކްސްގެ މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އިތުރު އެހީތެރިކަން ހޯދުމަށް އެއާޕޯޓް ފަޔަރާއި އެފްކޮން [އައްޑޫ މަގުހަދާ ކުންފުނި]ގެ ވަސީލައްތައް ވަނީ ތައްޔާރީ ހާލަތައް ގެނެވިފައި،" މޭޔަރު ވިދާޅުވި އެވެ.