އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް،

ގޯތިތައް ނަގަނީ ހޮސްޕިޓަލާ ގުޅުންހުރި ކަންކަންކުރަން: ނިޒާރު

އައްޑޫ އިކްއިޓޯރިއަލް ހޮސްޕިޓަލްގެ އިރުމައްޗާއި ހުޅަނގު ފަރާތުން ދޫކޮށްފައިވާ ގޯތިތައް ނަގަން ނިންމީ އެ ހޮސްޕިޓަލާ ގުޅުންހުރި ކަންކަމަށް ބިން ބޭނުން ކުރުމުގެ ގޮތުން ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ނިމިގެން ދިޔަ ސަރުކާރުގައި އެ ހޮސްޕިޓަލާ ކައިރިން ދޫކޮށްފައިވާ 42 ގޯތި ނަގަން އައްޑޫ ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ.

ނިޒާރު ވިދާޅުވީ ގޯތިތައް ނެގުމަށް ފަހު ހޮސްޕިޓަލާ ކައިރިން އެ ފަރާތްތަކަށް ގޯތި ދޭނެ ކަމަށެވެ. އަދި ބައެއް ގޯތިތަކަށް ބަދަލުދޭ އިރު ކުރިން ލިބިފައި ހުރި ގޯތިތަކަށް ވުރެ ބޮޑެތި ގޯތިތަކެއް ދޭނެ ކަމަށެވެ. އެގޮތުން ކުރިން 2400 އަކަފޫޓާއި 2500 އަކަ ފޫޓުގެ ގޯތި ލިބިފައި އޮތް މީހުންނަށް ދެން ދޭނީ 3000 އަކަ ފޫޓުގެ ގޯއްޗެކެވެ.

ނިޒާރު ވިދާޅުވީ ގޯތިތައް ނެގުމުން އެއްވެސް ބަަޔަކަށް ގެއްލުން ނުވާނެ ކަމަށާއި އަދި އޭގެ ސަބަބުން އައްޑޫގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލަން ވެސް ފަސޭހަ ވެގެން ދާނެ ކަމަށެެވެ.

"ގޯތިތައް ނަގަން ނިންމީ ހޮސްޕިޓަލާ ގުޅުންހުރި ކަަންކަމާއި އަދި އޭނޫން ވެސް އިޖުތިމާއީ ކަންކަމަށް ޖާގަ ދޭން. ދެން ހުރިހާ ރައްޔިތުން ވެސް ހިދުމަތް ހޯދަން ޖެހޭ ތަނަކަށްވާ އިރު ރަށްރަށުގެ ރައްޔިތުން ވެސް ހަމަ އައިސް މަޑުކޮށްލާނެ ތަންކޮޅެއް މި ސަރަހައްދުގައި ވަށައިގެން ނެތުމުގެ ސަބަބުން އެކަން ކަމަށް ފަސޭހަކޮށް އައްޑޫގެ ލޭންޑް ޔޫސް ޕްލޭން ހަދަން ވާއިރަށް އެކަންކަން ކުރެވެން އަންނަނީ މިހާރުއްސުރެ ވިސްނައިގެން ކަމަށް ވާތީ އެ ބަދަލު މި ގެންނަނީ. ހޮސްޕީޓަލްގެ ޖާގަ އިތުރުކަރަން ޖެހުނަސް މި ނަގާ ބިންތައް ބޭނުން ކުރެވޭނެ،" ނިޒާރު ވިދާޅުވި އެވެ.

ގޯތިތައް ނެގުމާމެދު އައްޑޫގެ ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ކަމަށް ނިޒާރު ވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވީ އެކަމުގައި ބެލީ ގިނަ ރައްޔިތުންގެ މަސްލަހަތަށް ކަމަށެވެ.