ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރަށް ސްލޫކީ ފިޔަވަޅު އަޅައިފި އެވެ.
ޖޭއެސްސީން ގާޒީ ސަމީރަށް ފިޔަވަޅު އެޅީ ކްރިމިނަލް ކޯޓުގައި ގާޒީ ސަމީރު ހުންނެވި ދުވަސްވަރު އެ ކޯޓަށް ހުށަހެޅުނު މައްސަލައެއްގެ މުއްދަތު މަޖިލީހުގައި ގާޒީ ސަމީރު ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.
ކޯޓަށް ހުށަހެޅުނު ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ މުއްދަތު މަޖިލީހުގައި މައްސަލަ ރައްދުވާ ފަރާތުގެ އެ އަމަލަކީ ވަރަށް އާދައިގެ ކަމެއް ކަމަށް ދޭހަވާ ގޮތަށް ގާޒީ ސަމީރު ވާހަކަ ދައްކަވާފައި ކަމަށް ޖޭއެސްސީން ބުނެ އެވެ.
ޖޭއެސްސީން ބުނީ މައްސަލަ ރައްދުވާ ފަރާތް ބަންދުގައި ބަހައްޓަން ގާޒީ ނިންމެވީ ބަންދުން ދޫކޮށްލައިފިނަމަ ނޫސްތަކުގައި އެ ވާހަކަ ޖަހާނެތީކަމާއި އަބަދުވެސް ގޯސްވެފައި އޮންނަނީ ކޯޓު ކަމަށް ވިދާޅުވެފައި ކަމަށެވެ. އެގޮތަށް ގާޒީ ވާހަކަ ދެއްކެވިކަން ތަހުގީގަށް ސާބިތުވާ ކަމަށެވެ.
ގާޒީ ސަމީރުގެ އެ އަމަލަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް ކޮށްފައިވާ އަމަލެއް ކަމަށް ޖޭއެސްސީން ވަނީ ކަނޑައަޅާފަ އެވެ.
އެހެންވެ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ ދަށުން ގާޒީ ސަމީރަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށް ކޮމިޝަނުން މިމަހުގެ 13 ވަނަ ދުވަހު ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފަ އެވެ.