އިބްރާހިމް ޝަރީފު

އެމްޑީޕީގެ ބަޔަކު ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުހުމަތު

Mar 27, 2022

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރާ ބަޔަކު ވެރިކަން ކުރާ އެމްޑީޕީގައި އެބަތިބި ކަމަށް އެމްޑީޕީއަށް ނިސްބަތްވާ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ބައެއް މެންބަރުންނަށް ތުހުމަތުކުރައްވާ އެ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ޝަރީފް ވާހަކަ ދެއްކެވީ މަރަދޫ ބަނދަރު ހުޅުވުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެސް ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ޝަރީފްގެ ތުހުމަތު އަމާޒު ކުރެއްވީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީގެ ކެމްޕޭން ޓީމަށެވެ.

ޝަރީފް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި "ތިލަފަތުގެ ރަމްޒު"އޭ ކިޔައިގެން މަސައްކަތް ކުރާ ބަޔަކު އުޅެނީ ރައްޔިތުން ބަނޑަށް ޖެހުނަސް އަދި ކޮންމެ ކަމެއް ކޮށްގެން ނަމަވެސް ސަރުކާރު ވައްޓާލުމަށެވެ. އިމްތިޔާޒު ކެމްޕޭންގައި "ތިލަފަތުގެ ރަމްޒު" ބޭނުންކުރެ އެވެ.

"އެފަދަ މެންބަރުންނަށް ވަރިހަމަ އެހެން ކުރާ ކަަމަކާ ގުޅިގެން ރައްޔިތުން ބަނޑަށް ޖެހުނަސް. އެކަމަކު މިދަންނަވަނީ އަޅުގަނޑުމެން އެ ފުރުސަތެއް ނުދޭނަމޭ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ތެރެއިން ބަޔަކު ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް ރައީސް ސޯލިހްގެ ސަރުކާރު ވައްޓާނުލެވޭނެ ކަމަށެވެ. އޭނާގެ ހަށީގައި ފުރާނަ ހުރިހާ ހިނދަކު އެކަމަށް ފުރުސަތު ނުދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ޝަރީފް ވިދާޅުވީ ކޮވިޑް 19ގެ އުދަނގޫ ވަގުތުގައި ރައީސް ސޯލިހް ވަރަށް ހިކުމަތްތެރިކަމާ އެކު މުހިއްމު ނިންމުންތަކެއް ނިންމަވާ ދިވެހި ރައްޔިތުންނަށް ލިބުނު ގެއްލުން ކުޑަކުރެއްވި ކަމަށެވެ.

ކޮވިޑްގެ އުދަނގޫ ހާލަތުގައި އަވަށްޓެރި ގައުމުތަކުގެ ބައެއް ރައްޔިތުންނަށް ކުރިމަތިވި ކަހަލަ ނިކަމެތި ކަންކަމާ ދިވެހިންނަށް ކުރިމަތިލާން ނުޖެހުނީ ރައީސް ސޯލިހާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ޖުމްލަކޮށް ސަރުކާރުން ކުރެއްވި ހަރުދަނާ މަސައްކަތް ތަކެއްގެ ސަބަބުން ކަމަށް ޝަރީފް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހް އިތުރު ދައުރެއް ބޭނުންވެވަޑައިގެން ވެރިކަމަށް ކުރިމަތިލައްވައިފިނަމަ ރައީސް ސޯލިހްގެ އަރިހުގައި ހުންނަވާނެ ކަމަށެވެ. ރައީސް ސޯލިހަށް އިންތިހާބު ކާމިޔާބު ކޮށްދިނުމަށްޓަކައި ޖާނާއި މާލުން ގުރުބާންވެ ވަޑައިގަންނަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ވެސް މީގެކުރިން ޝަރީފް ވަނީ އެމްޑީޕީގެ ބައެއް މެންބަރުން ރައީސް ސޯލިހްގެ ސަރުކާރަށް ޖެއްސުންކޮށް ދަތިކުރާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި އެފަދަ މެންބަރުންގެ ސަބަބުން ސަރުކާރުން ކުރަން ބޭނުންވާ ކިތަންމެ ކަމަކަށް ހުރަސް އެޅިފައިވާ ކަމަށްވެސް ޝަރީފް ތުހުމަތުކުރައްވާފައިވެ އެވެ.