ފައްޔާޒް އިސްމާއީލް

އިންތިހާބަށް ނިކުތީ ހިންގުންތެރިއެއްވީމަ: ފައްޔަ

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ ޕާޓީ ހިންގަވާލެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށް އެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް (ފައްޔަ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ މެންބަރުންގެ ތާއީދު ހޯއްދެވުމަށް ފައްޔާޒު މިއަދު ވަނީ ހުވަދޫގެ ތިން ރަށަކަށް ވަޑައިގެންފައެވެ. އެއީ ފަރެސްމާތޮޑާ އާއި ވާދޫ އަދި ގައްދޫއަށެވެ. ތިން ރަށުންވެސް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.

ފައްޔާޒަށް ތާއީދު އޮތްކަން ހާމަކޮށް ދިނުމުގެ ގޮތުން ތިން ރަށުގައި ތިބި އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބަނދަރުމައްޗަށް ޖަމާވެ ފައްޔާޒަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެ ރަށްރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަގައި ފައްޔާޒު ވިދާޅުވީ އެމްޑީޕީ އާއި ގައުމުގެ މުސްތަގުބަލު ބިނާކުުރުމަށް އެމްޑީޕީގެ މެންބަރުންނަށް މި ފަހަރު ލިބެނީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. މި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާ ހިންގުންތެރި އަކަށް ޕާޓީ ހަވާލުކުރުމަށް ފައްޔާޒު ވަނީ އެދިވަޑައިގެންފައެވެ.

ފައްޔާޒު ވިދާޅުވީ ޗެެއާޕާސަން ކަމަށް ވާދަކުރައްވަން ނިންމެވީ އެމްޑީޕީއަށް ހިންގުންތެރި އަކު ބޭނުންވާތީ ކަމަށާ އެކަން ކުރެއްވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ. އަދި ދެން ވާދަކުރައްވާ އިމްތިޔާޒު ފަހުމީ އާއި އޭނާއާ އަޅާ ބަލާ އެންމެ ރަނގަޅު ހިންގުންތެރިއަކީ ކޮބައިތޯ ބެލުމަށްފަހު ވޯޓް ދެއްވުމަށް އެދިވަޑައިގަތެވެ.

ފައްޔާޒު ވިދާޅުވީ އޭނާއާ ގުޅޭގޮތުން ވާދަވެރި ބޭފުޅުން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވަން ބޭނުންނުވާ ކަމަށެވެ. އަދި ވިދާޅުވީ ބަޔަކު ފާޑުކީ ނަމަވެސް އިންތިހާބުގައި ފަހަތަށް ޖެހިވަޑައިގަތުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

ޗެެއާޕާސަން ހޮވުމުގެ ރޭހުގައި ފައްޔާޒުގެ ކެމްޕެއިން ޓީމު ފެންނަނީ ވަރުގަދަކޮށެވެ. ސަރުކާރުގެ އިސްވެރިންނާއި ކުންފުނިތަކުގެ ވެރީން އަދި އެމްޑީޕީގެ ގައުމީ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވަރަށް ބޮޑު ތާއީދެއް ފައްޔާޒަށް އެބައޮތެވެ.

ރަށްރަށުންވެސް ފައްޔާޒުގެ ކެމްޕެއިން ޓީމަށް ބޮޑު ތަރުހީބެއް ލިބެއެވެ.