އެފްއެސްއެމް

އެފްއެސްއެމްގެ ހުޅުމާލެ ޝެޑް 24 ގަޑިއިރަށް ބަދަލުކުރަނީ

Mar 28, 2022

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ހުޅުމާލޭގައި ހިންގާ ޝެޑުން 24 ގަޑިއިރު ހިދުމަތް ދޭން ނިންމައިފި އެވެ.

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް މިރޭ އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހުޅުމާލޭގައި އެފްއެސްއެމް އިން ހިންގާ ހަމައެކަނި ޝެޑް 24 ގަޑިއިރަށް ބަދަލުކުރަން ނިންމީ އެތަނުގެ އާބާދީއަށް އަންނަ ބަދަލާއި ހިދުމަތް ހޯދާ މީހުންގެ އަދަދަށް ބަލައިގެން ކަމަށެވެ.

"މިއީ އަޅުގަނޑުމެން ކުއްލިއަކަށް ގެނައި ބަދަލެއް ނޫން. ދުވަސްކޮޅެއް ވެއްޖެ އަޅުގަނޑުމެން މިކަމުގެ މާކެޓް ރިސާޗް ހަދާތާ،" ގަސަމް ވިދާޅުވި އެވެ.

އެފްއެސްއެމްގެ ހުޅުމާލެ ޝެޑްގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކުރަން ނިންމާފައިވަނީ ރޯދަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

އެފްއެސްއެމް އިން ގެންދަނީ މާލޭގައި ހަތަރު ޝެޑް ހިންގަމުންނެވެ. މާލޭގައި 24 ގަޑިއިރު ހިދުމަތް ދެނީ ސްޓެލްކޯ ކައިރީގައި ހަދާފައިވާ ޝެޑުން އެކަންޏެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެޔޮ ސަޕްލައި ކުރާ ކުންފުނި -- އެފްއެސްއެމް އިން ގެންދަނީ ހުޅުމާލޭގައި އެ ކުންފުނީގެ އިތުރު ޝެޑެއް ހެދުމަށް އެޗްޑީސީއާ އެކު މަޝްވަރާތަކެއް ވެސް ބާއްވަމުންނެވެ.