ލ. ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން ހިދުމަތްތައް ރަނގަޅަށް ނުލިބޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅައި ބަހުސް ކުރަން ފަށައިފި އެވެ.
މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ބަލައިގަތީ 23 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަކަމަށް 11 މެމްބަރަކު ވޯޓު ދެއްވި އެވެ.
އެ މައްސަަލަ ހުށަަހަޅުއްވަމުން ސައީދު ވިދާޅުވީ ގަމު ހޮސްޕިޓަލަކީ ލ. އަތޮޅުގެ ހުރިހާ ރައްޔިތުން ކަހަލަ ގޮތަަކަށް ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލަކަށްވާ އިރު އެ ހޮސްޕިޓަލުން ދޭ ހިދުމަތުގެ ފެންވަރު ދުވަހެއް ދުވަހަކަށް ދަށްވަމުންދާ ކަމަުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
ޓާޝަރީ ފެންވަރަަށް ތަރައްގީ ކުރާނެކަމަށް މި ސަރުކާރުން ވައުދުވެފައިވާ ހޮސްޕިޓަލުތަކުގެ ތެރޭގައި ގަމު ހޮސްޕިޓަލު ހިމެނެ އެވެ. އަދި އެ ހޮސްޕިޓަލު ހިންގުމަށް ވަކި ބޯޑެއް އެކުލަވާލައި ލ. އަތޮޅުގެ 10 ރަށުގެ ސިއްހީ މަރުކަޒުތަކުަގއި މަސައްކަތްކުރާ މުވައްޒަފުންވެސް އެ ހޮސްޕިޓަލަށް ވަނީ ބަދަލުކޮށްފަ އެވެ.
ނަމަވެސް ގަމު ހޮސްޕިޓަލުގައި ޓާޝިއަރީ ވަސީލަތްތައް ގާއިމުނުކުރެވޭ ކަމަށް ސައީދު ވިދާޅުވި އެވެ. އަދި ފަރުވާ ކުޑަވެގެން ބަލި މީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހާދިސާތައް ހޮސްޕިޓަލުގައި ހިނގަމުންދާ ކަމަށާއި އަދި ކޮންމެހެން ތިބެން ޖެހޭ ޑޮކްޓަރުންވެސް ނެތި ހަދަން ޖެހޭ ޓެސްޓްތައްވެސް ނެެހެދޭ ކަމަށެވެ.
އޭގެ އިތުރުން ހޮސްޕިޓަލުގެ ވަސީލަތްތަކަާި އިމާރާތްތައްވެސް މަރާމާތު ނުކުރެވި ހަލާކުވަމުންދާ އިރު ހޮސްޕިޓަލުގެ ބޯޑުގެ ދަށަށް ބަދަލުކުރި މުވައްޒަފުންގެ ކަންކަންވެސް ބެލެހެއްޓަމުން ނުދާ ކަމަށެވެ.
އެހެންކަމުން ގަމު ރީޖަނަލްް ހޮސްޕިޓަލަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ ހޮސްޕިޓަލުގެ ހިދުމަތްތައް ރަނގަޅުކޮށް ހިންގުން ހަރުދަނާ ކުރުމަށް ގޮވާލެއްވި އެވެ.