ލ. ގަން ހޮސްޕިޓަލުގެ ހިދުމަތްތަކުގެ ފެންވަރު ދަށްވެ އެ ތަން ބޮއްސުންލައިގެން ދިޔައީ އެ ހޮސްޕިޓަލު ހިންގަން ނާގާބިލު ބޯޑެއް އެކުލަވާލުމުން ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.
މޫސާ ސިރާޖު އެފަދައިން ވިދާޅުވީ ލ. ގަން ހޮސްޕިޓަލްގެ ހިދުމަތްތަކުގެ ފެންވަރު ދަށްކަމަށް ބުނެ ހުށަހެޅި މައްސަލައަށް މިއަދު މަޖިލީހުގެ ތަޅުމުގައި ކުރި ބަހުސްގެ ތެރެއިން އެވެ.
ޓާޝަރީ ފެންވަރަަށް ތަރައްގީ ކުރާނެކަމަށް މި ސަރުކާރުން ވައުދުވެފައިވާ ހޮސްޕިޓަލުތަކުގެ ތެރޭގައި ގަމު ހޮސްޕިޓަލު ހިމެނެ އެވެ. އަދި އެ ހޮސްޕިޓަލު ހިންގުމަށް ވަކި ބޯޑެއް އެކުލަވާލައި ލ. އަތޮޅުގެ 10 ރަށުގެ ސިއްހީ މަރުކަޒުތަކުަގއި މަސައްކަތްކުރާ މުވައްޒަފުންވެސް އެ ހޮސްޕިޓަލަށް ވަނީ ބަދަލުކޮށްފަ އެވެ.
ނަމަވެސް މޫސާ ސިރާޖު ވިދާޅުވީ ގަން ހޮސްޕިޓަލް ހިންގަން ބޯޑެއް ލުމުން ފެނިގެން ދިޔައީ އެ ހޮސްޕިޓަލުގެ ހިދުމަތްތައް އިތުރަށް ގޯސްވެގެން ދިޔަ މަންޒަރު ކަމަށެވެ.
އޭނާ ވިދާޅުވީ ގަން ހޮސްޕިޓަލުގެ ހާލަތު ވަރަށް ގޯސް ކަަމަށާައި މި ސަރުކާރުން ވެރިކަަމަށް އައިސް ބަދަލެއް ގެންނަން ކަމަށްބުނެ ހަމަ އެކަނި ކުރި މައިގަނޑު ބަދަލަކީ ރައްޓެހިންނަށް ވަޒީފާތަކެއްދީ ބޯޑެއް އެކުލަވާލުން ކަމަށެވެ.
"އެބޯޑަށް ހޮސްޕިޓަލެއް ނުހިންގޭނެ ފަދަ ގާބިލް ނޫން މީހުންތަކެއް ލައިގެން މުޅި ހޮސްޕިޓަލް ހަލާކު ކޮށްލުން. ހޮސްޕިޓަލް މިހައި ބޮޑަށް ހަލާކު ވެގެން ދިޔައީ އެއްވެސް މިދެންނެވި ގޮތަކަސް އެއްވެސް ވަރަކަށް ހިންގުންތެރިކަމެއް ނެތް ފަރާތްތަކެއް ނަގައިގެން ބޯޑެއް އެކުލަވާލި ހިސާބުން." ސިރާޖު ވިދާޅުވިއެވެ.
ސީރާޖު ފާހަކަކުރެއްވި ގޮތުގައި ގަން ހޮސްޕިޓަލުން ހިދުމަތް ހޯދަން މީގެ ކުރިން ކައިރީގައި އޮންނަ ތ. އަދި ލ. އަތޮޅުން ވެސް ބޮޑު ޑިމާންޑެއް އޮވެ އެވެ. އެހެންވެ އެމްޓީސީސީއާ ގުޅިގެން އެ އަތޮޅުތަކުން ގަމަށް ފެރީ ބާއްވާ ހިސާބަށް ދިޔަ ނަމަވެސް ހިދުމަތްތައް ނުދެވޭތީ އެ އަތޮޅުތަކުން ވެސް އަންނަ މީހުން ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ.
"ހޮސްޕިޓަލުގެ ހާލަތު ވަރަށް ބޮޑަށް ދަށް. އެކްސްރޭއެއް ނުނެގޭތާ މިހާރު ތިން މަސް. ދަތުގެ ފަރުވާއެއް ނުލިބޭތާ އެއް އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވީ. ސްކޭން ޑޮކްޓަރެއް އެއްގޮތަަކަށް ނެތްތާ ހަ މަސްވީ. މިހެން ކިޔަން ބައިވަރު ކަންކަން [އެބަހުރި]. މިކަންކަން ފާހަގަކޮށް ސަރުކާރުގެ އެކި އެކި އިދާރާތަކަށް މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން އަޅުގަނޑުމެން ވާނީ ގެނެސްފައި" މޫސާ ސިރާޖު ވިދާޅުވި އެވެ.