ލ. ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން ހިދުމަތްތައް ރަނގަޅަށް ނުލިބޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ އިތުރަށް ދިރާސާ ކުރަން އިޖުތިމާއީ ކޮމިޓީއަށް ފޮނުވައިފި އެވެ.
މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި މައްސަލަ މިއަދު މަޖިލީހުގައި ބަހުސްކޮށް އެ މައްސަލަ އިތުރަށް ދިރާސާކުރަން ކޮމިޓީއަށް ފޮނުވީ ވަރަށް ހަނި އަޣުލަބިއްޔަތަކުން ނެވެ.
އެ މައްސަލަ ކޮމިޓީއަށް ފޮނުވަން ފާސްކުރީ 18 މެމްބަރުންގެ ވޯޓުން ނެވެ. މިއީ ކޮމިޓީއަށް މައްސަލަ ފޮނުވަން އެންމެ މަދުން ބޭނުންވާ ވޯޓުގެ އަދަދުވެސް މެއެވެ. ކޮމިޓީއަށް މައްސަލައަށް ނުފޮނުވަން 16 މެމްބަރަކު ވޯޓު ދެއްވި އެވެ.
ގަން ހޮސްޕިޓަލުގެ މައްސަލައަށް ބަހުސްކުރަން ފެނޭތޯ ބަލަން ނެގި ވޯޓުގައި ވެސް ނުފެންނަކަމަށް 11 މެމްބަރަކު ވޯޓު ދެއްވި އެވެ.
އެ މައްސަލައަށް މިއަދު ކުރި ބަހުސްގައި ވެސް ބައެއް އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ސީރިއަސް މައްސަލަަތަކަށް މަޖިލީހުގައި ބަހުސްކުރަން އެމްޑީޕީގެ މެމްބަރުން ދެކޮޅު ހަދަމުންދާތީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ސައީދު މިއަދު ހުށަހެޅުއްވި މައްސަލައިގައިވާ ގޮތުން ގަމު ހޮސްޕިޓަލުން ދޭ ހިދުމަތުގެ ފެންވަރު ދުވަހެއް ދުވަހަކަށް ދަނީ ދަށްވަމުން ނެވެ. އެގޮތުން އަދި ފަރުވާ ކުޑަވެގެން ބަލި މީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހާދިސާތައް ހޮސްޕިޓަލުގައި ހިނގުމާއި ކޮންމެހެން ތިބެން ޖެހޭ ޑޮކްޓަރުންވެސް ނެތި ހަދަން ޖެހޭ ޓެސްޓްތައްވެސް ނެހެދުން އަދި ހޮސްޕިޓަލު ހިންގާ ބޯޑުގެ ކަންކަން ބޮއްސުންލައިގެން ގޮސްފައިވާ ކަމަށެވެ.