ރައީސް އަބްދުﷲ ޔާމީން

ކާމިޔާބީ ފާހަގަ ކުރަން ރައީސް ޔާމީން ކުރެންދޫއަށް

ކުރެންދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިހާބު އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ކާމިޔާބު ކުރުމާއި ގުޅިގެން އެކަން ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެވަޑަައިގަތުމަށް އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރެންދޫއަށް ވަޑައިގަތުމަށް ނިންމަވަައިފި އެވެ.

ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު އަވަސްއަށް ވިދާޅުވީ ރައީސް ޔާމީން ކުރެންދޫއަށް ވަޑައިގަންނަވާނީ މިއަދު ހަވީރު ކަމަށެވެ. އެމަނިކުފާނުގެ އަރިހުގައި ޕީޕީއެމް އާއި ޕީއެންސީގެ އިސް ބޭފުޅުންވެސް ވަޑައިގަންނަވާނެ އެވެ. އަދި މިވަގުތުވެސް ދެ ޕާޓީގެ އިސް ބައެއް ބޭފުޅުން ތިއްބެވީ ކުރެންދޫގައި ކަމަށް ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ކުރެންދޫ ބައި އިލެކްޝަންގައި ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މިރޭ އެ ރަށުގައި ބާއްވާ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެން ރައްޔިތުންނާއި މުހާތަބު ކުރައްވާނެ އެވެ.

ކުރެންދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިހާބު ވާދަކޮށްފައިވަނީ ޕީޕީއެމްގެ ފަރާތުން އިސްމާއީލް މަދީހް އާއި އެމްޑީޕީގެ ފަރާތުން އަލީ ނަސީމެވެ.

އަލީ ނަސީމަށް ލިބުނު ޖުމްލަ ވޯޓްގެ އަދަދަކީ 564 އެވެ. އިސްމާއީލް މަދީހަށް ލިބުނު ޖުމްލަ ވޯޓްގެ އަދަދަކީ 614 އެވެ.

މި އިންތިހާބުގައި 1198 މީހަކު ވޯޓްލާފައިވެއެވެ. ސައްހަ ވޯޓްގެ އަދަދަކީ 1178 އެވެ. ބާތިލް ވޯޓްގެ ގޮތުގައި 20 ވޯޓް ގުނާފައިވެއެވެ.

ކުރެންދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިހާބާއި ދިމާކޮށް އެމްޑީޕީ އާއި ޕީޕީއެމުން ވަރުގަދަ ކެމްޕެއިނެއް ހިންގި އެވެ. ކެމްޕެއިނަށް ރައީސް ނަޝީދާއި ސަރުކާރުގެ ވަރަށް ގިނަ މިނިސްޓަރުން ކުރެންދޫއަށް ވަޑަައިގަތެވެ. ބައެއް މަޝްރޫއުތައް އަވަސްކޮށް ބައެއް މަސައްކަތްތަކުގެ އަމަލީ ބައި ފެށިއެވެ.

މި އިންތިހާބާ ދިމާކޮށް ރައީސް ޔާމީނާއި އިދިކޮޅުގެ އިސް ވެރީންވެސް ވަނީ ކުރެންދޫއަށް ވަޑައިގެން ކެމްޕެއިން ހިންގަވާފައެވެ.