ރައީސް މުހައްމަދު ނަޝީދު

ކައުންސިލް އިންތިހާބުގައި ޕީޕީއެމް ވާދަކުރާތީ އަޖައިބުވޭ: ނަޝީދު

ލޯކަލް ކައުންސިލް އިންތިހާބުތަކުގައި އިދިކޮޅު ޕީޕީއެމުން ވާދަކުރާތީ އަޖައިބުވެވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ނަޝީދު މިހެން ވިދާޅުވީ ކުރެންދޫގައި ރޭ އޮތް ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ޅ. ކުރެންދޫ ކައުންސިލްގެ ރައީސް އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރަނީ ޕީޕީއެމްގެ ކެންޑިޑޭޓަކާއި އެމްޑީޕީގެ ކެންޑިޑޭޓެކެވެ. ޕީޕީއެމަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ ޕީޕީއެމާއި ރައީސް ޔާމީންގެ ތަސައްވުރާއި ވިސްނުމަކީ ކުރެންދޫ ހިމެނޭހެން އަތޮޅުތެރޭގެ ރަށްތައް "އުވާލުން" ކަމަށެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުން މާލެ ސަރަހަދަށް ޖަމާކުރުމަކީ ޔާމީންގެ ވިސްނުންފުޅު ކަމަށާ އެފަދަ ބޭފުޅެއްގެ ވިސްނުމަށް ތާއީދުކޮށް ވޯޓްދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވިއެވެ. އެފަދަ ވިސްނުމެއްގައި ތިބި ބަޔަކު ކައުންސިލް އިންތިހާބަށް ކެންޑިޑޭޓުން ނެރެ ވާދަކުރާތީ އަޖައިބުވެވަޑައިގަންނަވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން އަތޮޅުތެރެއާ މެދު ގެންގުޅޭ ހާއްސަ ތަސައްވުރެއް އެބަ އޮތް ކަމަށާ ވަކީން ހާއްސަކޮށް ފާދިއްޕޮޅާމެދު ގެންގުޅޭ ތަސައްވުރެއް އެބައޮތް ކަމަށް ވިދާޅުވިއެވެ. އެއީ ނައިފަރާއި ހިންނަވަރު ގުޅާލުން ކަމަށާ އެކަން ވެއްޖެނަމަ މުޅި އަތޮޅަށް ވަރަށް ބޮޑު ތަރައްގީ އަކާއި ކުރިއެރުމެއް އަންނާނެ ކަމަށެވެ. އަދި ވިދާޅުވީ ބިން ހިއްކުމަށް ވުރެ ރަނގަޅަކީ ގުޅާލެވެން އޮތް ރަށްރަށް ގުޅާލުން ކަމަށެވެ. ބުއްދިވެރި ގޮތަކީ އެއީ ކަމަށްވެސް ވިދާޅުވިއެވެ.

"އެ ބޭފުޅުން [ރައީސް ޔާމީންއާ ޕީޕީއެމް] ގެ ތަސައްވުރަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން މާލެ ކައިރިއަށް ގެނައުން. ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފާދިއްޕޮޅުގެ ވަރަށް ބޮޑު ތަސައްވުރެއް އޮވޭ. އެއީ ނައިފަރާއި ހިންނަވަރު ގުޅުން. ނައިފަރުން، މަޑިވަރުން، ފެލިވަރުން، ގާއެއްފަރުން ހިންނަވަރަށް. އެ ދެމެދުގައި މި އަތޮޅުގައި 25،000 ވުރެ ގިނަ މީހުންނަށް ދިރިއުޅެވޭ ގޮތް ވުން. މި އަތޮޅުގައި އަދި ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް، ހާއްސަކޮށް ކުރެންދޫ ރައްޔިތުންނަށް ނައިފަރާއި ހިންނަވަރުން އަދި ފެލިވަރުން ވިޔަސްވެސް ގޯތި ލިބެން ޖެހޭނެ. އެއީ އަޅުގަނޑު ދެކޭ ގޮތުގައި ބުއްދިވެރި ހިންނަވަރު ކައުންސިލެއްވެސް ބުއްދިވެރި ނައިފަރު ކައުންސިލެއްވެސް އަދި ބުއްދިވެރި ފާދިއްޕޮޅު އަތޮޅު ކައުންސިލެއްވެސް ނޫނެކޭ ބުނާނެ މަޝްރޫއެއް ނޫން ނުވަތަ ނޫނެކޭ ބުނާނެ ވާހަކައެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.